ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ތިމާވެށި ހިމާޔަތްކުރުން ކަމަށެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެ ލިސްޓުގައި އެންމެ ކުރީގާ ވެސް އަޅުގަނޑު ފާހަގަކުރާނީ ރާއްޖޭގެ ގުދުރަތީ މުއްސަދިކަން ރައްކާތެރިކުރުމަށް ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ. ފަތުރުވެރިކަން އަލަށް ތަރައްގީކުރާ ރަށްތަކުގައި ވެސް އިޔާދަކުރަނަވި ހަކަތަައަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރިސޯޓް އޯނަރުންނަށާއި އިންވެސްޓަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން. 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.
ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ ޒިންމާއެއް އަދި ގައުމީ ވާޖިބެއް ކަމަށެވެ. އެއީ ރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެގޮތުގައި ދެމެހެއްޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ޖަޒީރާތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ ދިވެހިންގެ މެހެމާންދާރީ އާއި މި ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން. އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުންވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލަން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ބިން ކުޑަ ގައުމެއްކަމެއް ވިޔަސް މިގައުމުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮޓަލް ޗެއިންތަކާއި އެންމެ އަގުބޮޑެތި ކޮޓަރިތައް ވިއްކަން ހުންނަ ކަމަށެވެ. އަދި އެންމެ މަތީ ފެންވަރުގެ ހިދުމަތް ރާއްޖެއިން ފަތުރުވެރިންނަޑް ފޯރުކޮށްދޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދިއުމުގެ އަސްލަކީ ދިވެހިންގެ މެހެމާންދާރީ ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފަތުރުވެރިން، ދިވެހިންގެ މެހުމާންދާރީ އާއި ހިތްހެޔޮކަން ބަލައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު