ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، މީގެ ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް އަދިވެސް ތަރައްގީ ނުކުރެވި ހުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްގީ ނުކުރެވި އޮތް އޮތުން ކަމަށެވެ. އެއީ ދުރުރާސްތާގެ ރޭވުމެއް ނެތި ދޫކޮށްފައި ހުރި ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ހާއްސަކޮށް، އެމްއެމްޕީއާރްސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް. އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް ބަޔަކަށް ވިއްކާލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރުއީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އަލަށް ހަދާ ރިސޯޓްތައް ތަރައްގީ ކުރުމަށް ބޭނުންވާނެ ފައިސާ ނެތުމެވެ. އެކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރާލެއްވުމަކީ ސަރުކާރުގެ އަޒާމު ކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ 12 އަހަރުކުރިން މަސައްކަތް ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަންޒަރުތައް މިހާރު ފެންނަން ފަށައިފި ކަމަށެވެ. އަދި އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ހުވަދޫ އަތޮޅަށްވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 -30 މިނިޓުން ދެވޭ ކޮންމެ ހިސާބެއްގައި އެއާޕޯޓެއް އޮތުން. ވައިގެ ބަނދަރުތައް ތަރައްގީވެ ސީޕްލޭން ވިއުގަފުޅާވެ އިތުރުވެ އާރްޓީލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު ރަށު ފެތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި. ތުރާކަނު ވަށްހޭލާފަށުން އައްޑޫ ގަމުގެ ދެކުނުނުގެ ފުށްޓަރާ ހަމަޔަށް ފަތުރުވެރިކަމުގެ މަންފާނުކުރާނެ އެއްވެސް ރަށެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި ތިން ޔޮޓް މެރީނާ އަދި 721 ގެސްޓުހައުސްގެ އިތުރުން ހަތަރު ހޯމް ސްޓޭ ހިންގަމުންދާ ކަމަށެވެ. އަދި ހަތް ބެއާބޯޑް ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ކަމަށެވެ. ރާއްޖޭގައި 57،436 ޓޫރިސްޓު އެނދު އެބަހުރި ކަމަށާއި 120 އަތޮޅުގެ ތެރެއިން ފަސް ރަށެއްގައި ގެސްޓް ހައުސް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު