ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގެތިގެންދާއިރު، ފަތުރުވެރިކަމުގެ މަންފާނުކުރާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރާލެއްވުމަކީ ސަރުކާރުގެ އަޒާމު ކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރައްމުން ގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ 12 އަހަރުކުރިން މަސައްކަތް ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަންޒަރުތައް މިހާރު ފެންނަން ފަށައިފި ކަމަށެވެ. އަދި އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ހުވަދޫ އަތޮޅަށްވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 -30 މިނިޓުން ދެވޭ ކޮންމެ ހިސާބެއްގައި އެއާޕޯޓެއް އޮތުން. ވައިގެ ބަނދަރުތައް ތަރައްގީވެ ސީޕްލޭން ވިއުގަފުޅާވެ އިތުރުވެ އާރްޓީލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު ރަށު ފެތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި. ތުރާކަނު ވަށްހޭލާފަށުން އައްޑޫ ގަމުގެ ދެކުނުނުގެ ފުށްޓަރާ ހަމަޔަށް ފަތުރުވެރިކަމުގެ މަންފާނުކުރާނެ އެއްވެސް ރަށެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި ތިން ޔޮޓް މެރީނާ އަދި 721 ގެސްޓުހައުސްގެ އިތުރުން ހަތަރު ހޯމް ސްޓޭ ހިންގަމުންދާ ކަމަށެވެ. އަދި ހަތް ބެއާބޯޑް ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ކަމަށެވެ. ރާއްޖޭގައި 57،436 ޓޫރިސްޓު އެނދު އެބަހުރި ކަމަށާއި 120 އަތޮޅުގެ ތެރެއިން ފަސް ރަށެއްގައި ގެސްޓް ހައުސް ހިންގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރު އަލަށް ހުޅުވި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަންތަނުގެ މައުލޫމާތު ވެސް ރައީސް ވަނީ ދެއްވައިފައެވެ.

"ދަންނަވަނީ 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އަލަށް 33 ރިސޯޓާ 471 ގެސްޓް ހައުސް ހުޅުވައިފި. އެއީ 8،385 ކޮޓަރު ނުވަތަ 16،783 އެނދު ސީދާ އެތަންތަނުން ވަޒީފާ އުފެދޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް ފުދުންތެރިކަމާއި ތަނަވަސްކަން ލިބުނީ ފަތުރުވެރިކަމުގެ ބާނީން ކުރެއްވި މިންނެތް މަސައްކަތުން ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަމަށް ދެރައެއް ލިބިދޭ ފަދަ ކަމެއް އެއްވެސް ރައްޔިތަކު ކޮށްގެން ނުވާނެ ކަމަށާއި ފަތުރުވެރިކަމުގެ އިތުބާރު ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެއް ކަމަށެވެ.