މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ ޓީޖެޓީ އާއި ނޯތު ހަބަރުން ލިބޭ އާމްދަނީ މާލޭ ސިޓީ ކައުންސިލާ އެކު ހިއްސާކުރާ ގޮތަށް އެއްބަސްވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ޓީޖެޓީ އާއި ނޯތު ހަބަރުގެ ރަޖިސްޓްރީ އޮންނަނީ ސިޓީ ކައުންސިލުގައި ކަމަށެވެ. ނަމަވެސް މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓްރަކަށް ހުންނެވި ދުވަސްވަރު އެ ދެތަން ހިންގުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ސިޓީ ކައުންސިލާ އެކު އުފެދިފައިވާ މައްސަލަ ހައްލުކުރެވި މިހާރު އާމްދަނީ ހިއްސާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފައިސާ ކޮންމެ މަހަކު ދައްކާގޮތަށް އެއްބަސްވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން މާލޭ ސިޓީ ކައުންސިލާ އެކު މި އެއްބަސްވެވުނީ މިދެންނެވީ ކޮންމެވެސް ވަރެއްގެ ފީއެއް މާލޭ ސިޓީ ކައުންސިލަށް ދައްކާގޮތަށް. އެއީ އެ އޭރިއާއަށް ބަލާފައި، ސަރަހައްދަށް ބަލާފައި އަކަ ފޫޓަކަށް ޖެހޭ އަދަދެއް ސިޓީ ކައުންސިލަށް އާމްދަނީއެއްގެ ގޮތުގަ އެމްޕީއެލްއިން ދޭ ގޮތަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސިޓީ ކައުންސިލާ އެކު މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓް މަރުހަލާގެ ކަންކަން ކަމަށާއި ވަރަށް އަވަހަށް އެމްޕީއެލް އާއި ސިޓީ ކައުންސިލާ ދެމެދު ކޮންޓްރެކްޓް އެކްސްޗޭންޖު ކުރާނެ ކަމަށެވެ.

ޓީޖެޓީ އާއި ނޯތު ބަނދަރުގެ މައްސަލައިގައި އެމްޕީއެލް އާއި ސިޓީ ކައުންސިލާ ދެމެދު މައްސަލަ ގޯސްވެފައި ވަނިކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ދެނަތުން ލިބޭ އާމްދަނީ ބެހުމަށް އަންގަވައިފައެވެ. ނަމަވެސް ފައިސާ ބަހާނެ ގޮތަކާމެދު އެމްޕީއެލް އާއި ސިޓީ ކައުންސިލަށް އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.

ސަބަބެއްކަމަށް އެމްޕީއެލްއިން ބުނެފައިވަނީ ސިޓީ ކައުންސިލުން ހުށަހަޅާފައިވަނީ އެމްޕީއެލްއަށް ދެވޭނެ ވަރަށް ވުރެ ބޮޑު އަގެއް ކަމަށެވެ.