ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން މާލޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރު ޓިކެޓު ގަނެވޭނެ ކަމަށެވެ. އަދި ފައިސާއިން ޓިކެޓު ނަގަން ބޭނުންވާ ފަރާތްތަކަށް ބަހުން ކަރުދާސް ޓިކެޓު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.
ބަހުން ޓިކެޓު ގަންނަ ފަރާތްތަކުން ސީދާ ޓިކެޓެއްވާ އަގު ބަހަށް ދައްކަން އާޒިމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތްދޭ ތިން ރޫޓުން ވެސް ނަގާނީ 7 ރުފިޔާއެވެ. ކަރުދާސް ޓިކެޓް ބަހުން ގަނެވޭ ހިދުމަތް ލިބޭނީ ހަމައެކަނި އާރްޓީއެލް މާލެ ބަހުގެ ހިދުމަތުގައި އެކަންޏެވެ. ޓާމިނަލްތަކުން އެ ޓިކެޓް ނުގަނެވޭނެއެވެ.
ބަސް ކޮންޑަކްޓަރު ޓިކެޓު ދޫކުރާނީ ބަހުގައި ހުންނަ ފޮއްޓަކަށް ފައިސާ ލުމުންނެވެ. ޓިކެޓު ގަންނަން ފޮއްޓަށް ލާންޖެހޭނީ ޓިކެޓަށް ވާ އަގު، 7 ރުފިޔާއެވެ. އެއަށްވުރެ އިތުރަށް ފައިސާ އެ ފޮއްޓަށް ލި ނަމަވެސް ބަހުން ފައިސާ މާރުކޮށް، ބާކީ ފައިސާ ނުދޭނެއެވެ.
އާޒިމް ވިދާޅުވީ އެގޮތަށް ނިންމަން ޖެހުނީ މާލޭގައި ޓްރިފިކް ފްލޯއަށް ބާރުބޮޑުވިޔަ ނުދިނުމަށާއި ބަސް ޝެޑިއުލް ތަކަށް ބުރޫ ނޭރުވުމަށްޓަކައި ކަމަށެވެ. ކަރުދާސް ޓިކެޓު ނަގަން އަންނަ ކޮންމެ ދަތުރުވެރިޔަކަށް ފައިސާ މާރުކޮށްދޭން ޖެހިއްޖެ ނަމަ، ވަރަށް ގިނަ އިރު ބަސް މަޑުކޮށްގެން އޮންނަންޖެހޭ ހާލަތެއް އައިސްދާނެ ކަމަށާއި އޭގެ ސަބަބުން ބަހުން ދަތުރުކުރާ އެހެން ފަރާތްތަކަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެތީ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ފައިސާ މާރުކުރަން ޖެހޭނަމަ ވަރަށް ގިނަ ވަގުތު ނަގާނެ. އެހެންވެ، ވަގުތު ސަލާމަތް ކުރުމަށާއި އަޅުގަނޑުމެން ގެންގުޅޭ ޝެޑިއުލަށް ބުރޫ އެރިޔަ ނުދިނުމަށް، ކޮންމެ ބޭފުޅަކުވެސް ސީދާ 7ރ. ފޮއްޓަށް ޖަމާކުރަން އެދެން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިނީ ބަސްތަކުގައި ކަރުދާސް ޓިކެޓް ނަގަން ނިންމީ ޓެކްނޮލޮޖީއާ ރައްޓެހި ނޫން އިސްރަށްވެހިންގެ ފަސޭހައަކަށް ކަމަށެވެ. އަދި ބަހުގެ ދަތުރުތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ ފީޑްބެކްތަކަށް ބަލައި އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް 30، 40 އަދި 60، މި އަދަދުތަކަށް "މަލްޓި ޓިކެޓް" ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި އޭގެ ސަބަބުން ކޮންމެ ދަތުރަކަށް ވަކި ޓިކެޓެއް ނަގަން ނުޖެހި ފަސޭހައިން ދަތުރުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ބަސް ދަތުރުތަކުގައި ވިސާ، އެމެކްސް އަދި މާސްޓާ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު މި މަހު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި އަހަރު ފަހުކޮޅު ކަސްޓަމަރުން އަމިއްލައަށްވެސް ރިޗާޖުކުރެވޭ "ޕްރީޕެއިޑް ދަތުރު ކާޑު" ތައާރަފުކުރާނެ ކަމަށާއި އެ ކާޑު ބޭނުންކޮށްގެން އެމްޓީސީސީގެ ހުރިހާ ބަހެއްގެ ޓިކެޓު ގަނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިނީ ބަހުން އަގުނަގަން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. ޔުނީފޯމުގައި ތިބޭ ސްކޫލުތަކުގެ ދަރިވަރުން އަތުން ވެސް އަގެއް ނުނަގާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު