ބްރެޒިލްއަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބައިބޯ ގައުމެވެ. މިއަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު އެ ގައުމުގައި އައު ރައީސަކު ހޮވުމަށް ރައްޔިތުން ވޯޓުލާނެއެވެ. މިއީ ބްރެޒިލްގެ ރައްޔިތުން 1985 ވަނަ އަހަރު އަސްކަރީ ޚުދުމުޚުތާރު ވެރިކަމަށް ނޫނެކޭ ބުނިފަހުން އެގައުމުގައި ބާއްވާ ނުވަ ވަނަ ޑިމޮކްރަޓިކް އިންތިޚާބެވެ. ދެކުނު ހެމިސްފިއަރގައިވާ ދެވަނަ އެންމެ ބޮޑު ޑިމޮކްރަސީއަކީ ބްރެޒިލްކަމަށްވާއިރު މި ޑިމޮކްރަސީއަށް ވަރަށް ބޮޑު ނުރައްކަލެއްގެ ހިޔަނި މިހާރު އޮތީ އެޅިފައެވެ. އެ ނުރައްކަލަކީ އެގައުމުގެ ރައީސްކަމުގައި މިވަގުތު އެހުންނެވި ޖައިރު ބޮލްސޮނާރޯއެވެ. ވެރިކަމުގެ އައު ދައުރެއް ހޯއްދެވުމަށް މި އިންތިޚާބުގައި ބޮލްސޮނާރޯ ވާދަކުރައްވައެވެ. އެކަމަކު އޭނާއަށް މޮޅެއް ނުލިބޭނަމަ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނަމޭވެސް އެބަވިދާޅުވެއެވެ.

ރައީސް ބޮލްސޮނާރޯއާ ވާދަކުރައްވާ ބޭފުޅަކީ ކުރީގެ ރައީސެއްކަމުގައިވާ ލޫލާ ޑަސިލްވާއެވެ. ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި ލޫލާ އުޅުއްވަނީ މާބޮޑަށްވެސް ކުރީގައެވެ. ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބު ކުރައްވާނެއެވެ. ރައީސް ބޮލްސޮނާރޯއަށް ތާއީދުކުރާ ކަމަށް ދައްކަނީ ވޯޓުލެވޭ އާބާދީގެ ތެރެއިން 31 އިންސައްތައަށްވުރެ ވެސް މަދު ބައެކެވެ. އެކަމަކު އުފެދިފައިވާ ބިރަކީ އިންތިޚާބުން ބަލިވިއަސް ގަދަބާރުން ވެރިކަމުގައި ދެމިހުންނެވުމަށް ބޮލްސޮނާރޯ ގަސްތުކުރެއްވުމެވެ. އޭނާއަށް ތާއީދުކުރަނީ ގައުމުގެ އެންމެ ނުރައްކާތެރި މީހުންނެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި ކުރިން އުޅެފައި ތިބި އަދި މިހާރުވެސް ހަތިޔާރު ގެންގުޅޭ އެކިއެކި ޖަމާއަތްތަކަށް ނިސްބަތްވާ މީހުން އޭގެތެރޭގައި ވަރަށް ގިނައެވެ. އެމީހުން ތިބީ ބޮލްސޮނާރޯއަށް މަރުދޭން ތައްޔާރަށެވެ.

އިންތިޚާބުން ބޮލްސޮނާރޯ ބަލިވާނެކަމީ ގާތްގަޑަކަށް ކަށަވަރު ކަމެކެވެ. އެހެންވީމާ މިހާރުއްސުރެ ބޮލްސޮނާރޯއާއި އޭނާގެ ސަޕޯޓަރުންގެ މަސައްކަތަކީ ވޯޓުގެ މުޅި ނިޒާމު ކަމުނުދާކަން ދެއްކުމުގެ މަސައްކަތެވެ. ވޯޓުގުނާ މެޝިންތަކާއި ވޯޓާއި ގުޅުންހުރި އެންމެހައި އިލެކްޓޯނިކް އާލާތްތަކުގެ އިތުބާރު ނެތްކަން ހާމަކުރުމުގެ މަސައްކަތެވެ. ބަޔަކު ގަސްތުގައި މުޅި ނިޒާމު ފަރުމާކޮށްފައި ވަނީ ބޮލްސޮނާރޯއަށް ލޮޓިދިނުމުގެ ނިޔަތުގައިކަން ރައްޔިތުންނަށް ވިސްނައިދިނުމުގެ މަސައްކަތެވެ. މިކަން މިމަގުން ކޮށްފައި އިންތިޚާބުގެ ނަތީޖާ އިއުލާންކުރެވުނީމާ ބޮލްސޮނާރޯ ވިދާޅުވާނެއެވެ. ކުދީންނޭވެ. އިންތިޚާބުން ވައްކަންކޮށްފިއެވެ. ވޯޓުން ވައްކަންކޮށްފިއެވެ. ނަތީޖާ ގަބޫލެއް ނުކުރަމެވެ. ކުދީންނޭވެ. އިންތިޚާބާއިބެހޭ ކޮމިޝަނާއި މަޖިލީހާއި ފަނޑިޔާރުގެއަށް އަރައިގަންނާށެވެ.

ރައީސް ބޮލްސޮނާރޯ އާއި އޭނާގެ އެހީތެރިންގެ ވިސްނުން އެހެރީ އިންތިޚާބުގައި ވޯޓު ހޯދައިގެން ސައްހަގޮތުގައި ވެރިކަން ދިފާއުކުރުމަކަށް ނޫނެވެ. އަމާޒަކީ ގަދަބާރު ބޭނުންކޮށްގެން ވެރިކަން ދިފާއުކުރުމެވެ. ވޯޓާއި ދޭތެރޭ ޝައްކު އުފައްދައިގެން ޗަރުކޭސް ކުޅުމެވެ. އެހެންވީމާ ވޯޓުގެ ނަތީޖާ އިއުލާންކުރާ ދުވަހު ބޮލްސޮނާރޯ ކުރައްވާނޭ ކަންތައް މަތީގައި ބަޔާން ކުރެވުނީއެވެ. އެމެރިކާގައި އެންމެ ފަހުން ބޭއްވުނު އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ބޭނުންވީ މިކުޅިވަރެވެ. ހުސްވި އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެގަތީވެސް މި ބޭނުމުގަައެވެ. އެކަމަކު އިންތިޚާބުގެ ނަތީޖާ ފުރޮޅައިނުލެވުނީއެވެ. ބޮލްސޮނާރޯއަކީ ބްރެޒިލްގެ ޓްރަމްޕެވެ. ކަންކަން ކުރާން ދިމާކުރަނީ އެއްގޮތަކަށެވެ. ވިސްނުންވެސް އެއްގޮތެވެ.

ޓްރަމްޕާއި ރައީސް ބޮލްސޮނާރޯއާ ދޭތެރޭ ފަރަގެއް އޮތިއްޔާ އެފަރަގަކީ ބޮލްސޮނާރޯގެ އަސްކަރީ ތަޖުރިބާޔާއި ތަމްރީނެވެ. ބްރެޒިލްގެ އަސްކަރިއްޔާއިން އެގައުމުގެ ވެރިކަން 1964 ވަނަ އަހަރުން ފެށިގެން 1985 ވަނަ އަހަރާ ހަމަޔަށް ހިންގި ދުވަސްވަރު ބޮލްސޮނާރޯއަކީ އަސްކަރިއްޔާގެ އޮފިސަރެކެވެ. އެދުވަސްވަރުވެސް އަދި އޭގެ ފަހުންވެސް ގަތުލުއާއްމު ހިންގުމާއި އެފަދަ އެނޫންވެސް ޖަރީމާތަކުގެ ތުހުމަތު ބޮލްސޮނާރޯގެ މައްޗަށް ކުރެވެއެވެ. ބޮލްސޮނާރޯގެ މިހާރުގެ ނާއިބުރައީސަކީވެސް އަދި ކުރިއަށް އޮތް އިންތިޚާބުގައި އޭނާގެ ރަނިންމޭޓަކަށް ހަމަޖެހިފައިވާ ފަރާތަކީވެސް މިދެންނެވި ދައުރުގެ އޮފިސަރުންނެވެ. ފަހުން ސީނިއަރ ޖެނެރަލުންނެވެ. ސަރުކާރުގެ ވަރަށް ގިނަ މަގާމުތަކަށް އައްޔަންކުރެވިފައި މިހާރު އެތިބީވެސް އަސްކަރިއްޔާގެ އެކިފަންތީގެ ކުރީގެ އޮފިސަރުންނެވެ.

ބޮލްސޮނާރޯގެ ސިޔާސީ ފިކުރާއި އެނޫން ފިކުރުތަކާ ދެކޮޅުހަދާ ކޮންމެ މީހަކީ އޭނާ ގަބޫލުކުރައްވާ ގޮތުން މުޖުރިމެކެވެ. މަރަން ޖެހޭ މީހެކެވެ. ސަރިޔަތަކާނުލައިވެސް މުޖުރިމުންގެ ގަޔަށް ބަޑިޖަހައި މެރުން ހުއްދަވާނެއެވެ. ބޮލްސޮނާރޯގެ ރައުޔަށް ތަބާވުމުގެ ގޮތުން އޭނާގެ ސަޕޯޓަރުންވަނީ ވާތުފިޔައިގެ ސިޔާސީ ކިތަންމެ ކިތަންމެ ބަޔަކު މަރައިފައެވެ. ބޮލްސޮނާރޯގެ ވެރިކަމުގައި ބަޑި ގެންގުޅުމުގެ ކޮންޓްރޯލްވެސް ވަނީ މުޅިން ކަހަލަ ގޮތަކަށް ދޫކޮށްލައިފައެވެ. އެގޮތުން މިހާރު ބަޑިޔަކީ ވަރަށް އާއްމު އެއްޗެކެވެ. މައްސަލަތައް ގިނަފަހަރު ހައްލުކުރަނީ ބަޑިންނެވެ. މިކަހަލަ މާހައުލެއްގައި މި އިންތިޚާބު ބާއްވާއިރު ބޮޑު ލޭއޮހޮރުވުމަކާއި އަސްކަރީ ސްޓައިލްގެ ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެގެން ދިޔުމަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ބިރެކެވެ.