ދިވެހިންގެ ތެރޭގައި މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ޓިކްޓޮކް އަށް ގާނޫނީ މައްސަލަތައް އެކި ގައުމު ތަކުން އަންނަނީ ދިމާވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިސީއޯ) އިން ހިންގާ ތަހުގީގެއްގައި ބުނެފައިވާ ގޮތުން ވީޑިއޯ ޝެއަރިން ޕްލެޓްފޯމުން 13 އަހަރުން ދަށުގެ ކުދިންގެ ޑޭޓާ ޕްރޮސެސްކޮށްފައި ވަނީ އެކަށީގެންވާ ރުހުމަކާ ނުލައެވެ. މި ތަހުގީގުން ހާމަވާ ގޮތުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު، ޖުލައި 2020 ގެ ނިޔަލަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޓިކްޓޮކުން ބުނާ ގޮތުގައި އެ ހޯދުންތަކަކީ ދެކޮޅު ނުޖެހޭ އަދި "ވަގުތީ" ހޯދުންތަކެކެވެ.
އައިސީއޯއިން ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީސް ޔޫކޭ ލިމިޓެޑަށް "ނޯޓިސް އޮފް އިންޓެންޓް" - ޖޫރިމަނާ ކުރުމުގެ ކުރިން ލިޔެފައިވާ ގާނޫނީ ލިޔުމެއް - ދޫކޮށްފަ އެވެ. އެ ނޯޓިސްގައި ޓިކްޓޮކުން އިނގިރޭސިވިލާތުގެ ޑޭޓާ ޕްރޮޓެކްޝަން ގާނޫނާ ހިލާފުވި ކަމަށް އައިސީއޯ ބަޔާންކޮށްފައިވެއެވެ. މެއި 2018 އާއި ޖުލައި 2020 އާ ދެމެދު ޓިކްޓޮކް ޕުލެޓްފޯމުގެ ރައްކާތެރިކަން ޔަގީން ނުކުރެވި 13 އަހަރުން ދަށުގެ ކުދިންގެ ހައްގުތައް ގެއްލިފައިވާ ކަމަށްބުނެއެވެ.
ބެލެނިވެރިންގެ އެކަށީގެންވާ ރުހުމަކާ ނުލައި 13 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 44 ޕަސެންޓު ކުދިން ޓިކްޓޮކް ބޭނުން ކޮށްފައިވާ ކަމަށާއި އެ ޕްލެޓްފޯމްގައި 13 އަހަރުން ދަށުގެ ކުދިން މަނާކޮށްފައިވީ ނަމަވެސް އެކަން ޓިކްޓޮކް އަށް ބެލެހެއްޓިފައި ނުވާ ކަަމަށް ވަނީ ނިންމާފައެވެ. އިންފޮމޭޝަން ކޮމިޝަނަރު ޖޯން އެޑްވާޑްސް ވިދާޅުވީ، "އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ ކުޑަކުދިންނަށް ޑިޖިޓަލް ދުނިޔެ ދަސްކޮށް ތަޖުރިބާ ކުރެވޭނެ ގޮތް ހެދުމަށް ކަމަށާއި އެއާއި އެކު ޑޭޓާ ޕްރައިވެސީ ޕްރޮޓެކްޝަންތައް ރަނގަޅަށް ގެންގުޅެން" ޖެހޭ ކަމަށެވެ.
ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އެ ރައްކާތެރިކަން ގާއިމުކުރުމުގެ ގާނޫނީ ވާޖިބެއް އޮތް ނަމަވެސް ޓިކްޓޮކް އަށް އެ ޝަރުތު ފުރިހަމަ ނުކުރެވޭ ކަމަށްވެސް ބުނެއެވެ. ޓިކްޓޮކުން ވަނީ ސައިޓުގެ ޕްރައިވެސީ އާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ގިނަ ފީޗާތަކެއް ތައާރަފުކޮށްފަ އެވެ - އޭގެ ތެރޭގައި ބެލެނިވެރިންނަށް ދަރިންގެ އެކައުންޓާ ލިންކް ކުރުމުގެ ފުރުސަތު ދިނުމާއި 16 އަހަރުން ދަށުގެ ކުދިންނަށް ޑައިރެކްޓް މެސެޖިން ނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތައާރަފުކުރި ކުޑަކުދިންގެ ގާނޫނުގައި ކުޑަކުދިންނަށް ލިބޭނެ ކަމަށް ބެލެވޭ އޮންލައިން ހިދުމަތްތަކަށް އާ ޑޭޓާ ޕްރޮޓެކްޝަން ކޯޑް އޮފް ޕްރެކްޓިސްތައް ގާއިމްކޮށްފައި ވަނީ މިހާރު ހުރި ޑޭޓާ ޕްރޮޓެކްޝަން ގާނޫނުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އައިސީއޯއިން ހޯދި ހޯދުންތަކަކީ ވަގުތީ ހޯދުންތަކެއް ކަމަށާއި ޑޭޓާ ޕްރޮޓެކްޝަން ގާނޫނާ ހިލާފުވެފައިވާ މައްސަލާގައި ޖޫރިމަނާ ކުރުމުގެ ކުރިން ޓިކްޓޮކުން އެއްވެސް ތަފްސީލެއް ހުށަހަޅާނަމަ އެކަމަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލާނެ ކަމަށް އިނގިރޭސި އިންފޮމޭސަން ކޮމިސަނުން ބުނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ