އެއްފަހަރާ އެންމެ ގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓާލައިގެން ރާއްޖެއިން ފްރީ ޑައިވިންގެ މުޅިން އާ ރެކޯޑެއް މިއަދު ގާއިމުކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ފުރަތަމަ ލޯކަލް ޑައިވިންސްކޫލް ކަމަށްވާ ފްރީ ޑައިވް މޯލްޑިވްސްއިން, "ނޭވާ2" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި 459 މީހުން ބައިވެރިވިއެވެ.
މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުގެ ފަނޑިޔާރުން، ފަނޑިޔާރުކަން ކުރި މިހަރަކާތް، އެއްވަގުތެއްގައި 12 ރިސޯޓެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގެ ގްރޭންޑް އިވެންޓް ކުރިއަށްގެންގޮސްފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ހަރަކާތުގައި ކްރޮސްރޯޑްގައި 140 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ރާއްޖެއިން މިއަދު ގާއިމުކުރީ ސްޓެޓިކް އެޕްނިއާގެ އާ ރެކޯޑެކެވެ. ސްޓެޓިކް އެޕްނިއާއަކީ ނުފީނާ، މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން އޮންނަ އުކުޅަށް ކިޔާ ނަމެވެ.
މިއަދުގެ ހަރަކާތުގައި ބައިވެރިވި 459 ބައިވެރިންގެ ތެރެއިން 455 ބައިވެރިން ވަނީ މޫދުގައި ނޭވާ ނުލައި ދެ މިނެޓު ހޭދަ ކޮށްފައެވެ. މިއީ އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު ދެ މިނެޓް ވަންދެން މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބި ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މީގެ ކުރިން 2019 ވަނަ އަހަރުވެސް ފްރީ ޑައިވިންގެ ރެކޯޑެއް ގާއިމުކުރިއެވެ. އިޓަލީ އިން ހަދާފައިވާ އެ ރެކޯޑު މުގުރާލުމަށް ''ނޭވާ''ގެ ނަމުގައި ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި 521 ބައިވެރިން 30 ސިކުންތަށް ތިން މީޓަރު ފުނަށް ވަނީ ފީނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު