ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މި މަހުގެ ނިޔަލަށް ދެ އޮފާއެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

އެގޮތުން 125 ރުފިޔާއަށް 125 ޖީބީގެ ޕެކް ޕްރިޕެއިޑް އަދި ޕޯސްޓުޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ އޮފާގެ އިތުރުން ޑެއިލީ ޑޭޓާ އޮފާތަކެއް ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ. އަމިއްލަ ޕޯސްޓުޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެ ގުނަ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަމަ ކުރިއެކޭ އެއް އަގެއްގައި ސަޅި 90 ޕްލޭނުން ދުވާލަކު ދެ ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭނުން ދުވާލަކު ހަތަރު ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭނުން ދުވާލަކު ހަ ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން ދިރާގުގެ އަހަރީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ ފަށައިފައެވެ. އެ ލަކީޑްރޯއިން ހޮވޭ ހަތް ފަރާތަކަށް "އައުކޭ ޓްރޫ ވަޔަލަސް އެއާބަޑް" ލިބޭނެއެވެ. އެ ގުރުއަތުގައި ބައިވެރިވެވޭނީ ދިރާގުން އެ މީހެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަން އެކުންފުނީގެ ފޭސްބުކް، ޓުވިޓާ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓްކޮށްގެން ކަމަށް ދިރާގުން ބުންޏެވެ.