އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ދަތުރުކުރި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިދިޔަ ބުދަ ދުވަހު އިންޑިއާގެ ވިޔަފާރި ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ އެ ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލު ބޭރުންނެވެ.
އެ ބޯޓު އަޑިއަށް ގޮސް، އެ ބޯޓުން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް، ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އަދި އެއް ފަޅުވެރިއަކު ފެނިފައި ނުވާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗުން އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެދުނު 10:30 ހާއިރެވެ.
އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ލައިގެން ހުރީ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓުބުރިއެއް ކަމަށެވެ. އަދި އެންމެ ފަހުން އޭނާ ފެނުނު އިރު އޭނާ އޮތީ ލައިފްޖެކެޓް ވެސް އަޅައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، ގެއްލުނު މީހާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ ބަލައިދިނުމަށް އެދިފައެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު