ޚަބަރު

އައިފޯން 14 ގެނެސްދޭ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއް

ރިފާ ހަލީލު

1

ޕްރީ އޯޑަރަށް އައިފޯން 14 ގެނެސްދޭ ކަމަށްބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އައިފޯން 14 ގެންނާނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއް އެ ސާވިސްއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޕްރީއޯޑަރަށް އައިފޯން 14 ގެންނާނެ ކަމަށް ބުނެ އިންސްޓަގްރާމުން އީމްގެ ނަމުގައި އެކައުންޓެއް ހުޅުވައި 100 ފޯނަށްވާ އެޑްވާންސް ފައިސާގެ ގޮތުގައި ތިން ލައްކަ ރުފިޔާ އެކި މީހުންގެ އަތުން ވަނީ ހޯދައިފައެވެ.

އޯޑަރު ކުރުމަށް ދީފައިވާ ވައިބާ ނަންބަރު ފައިސާ ޖަމާކޮށް ސްލިޕްކޮޅު ފޮނުވުމުން ނަންބަރު ޑިއެކްޓިވޭޓު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ޕޭޖުގައިވާ ގޮތުން އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެތަނުން އޯޑަރު ކުރާ ތަކެތި ލިބޭނެ އެވެ. އަދި އެ ޕޭޖުން ވިއްކަމުންދާ ތަކެއްޗަކީ ހުސް އޮރިޖިނަލް ތަކެތި ކަމަށް ލިޔެފައިވެއެވެ.

ފަހަކަށް އައިސް މިފަދަ ގޮތްގޮތަށް ފައިސާ ހޯދުން އާންމުވެފައިވާތީ މިފަދަ ފަރާތްތަކާމެދު ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.