ޚަބަރު

ބިމެއްގެ މައްސަލައިގައި 30.9 މިލިއަން، ޕްރޮމޯސްއަށް ދިނުމަށް ދައުލަތަށް އަންގާނެ ތަނެއް ނެތް: ސިވިލް ކޯޓް

އިބްރާހިމް ޒަކީ

ބިމެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ، އޭރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރްކަޗާ އިން ހިލާފުވެފައިވާ ކަމަށްބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 30.9 މިލިޔަން ރުފިޔާ ހޯދަން ޕްރިމޯސް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާގައި ބުނާ ގެއްލުމުގެ ބަދަލަށް ދައުލަތުން ޒިންމާވާ ޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މީގެ 10 އަހަރު ކުރިން، ފަހެއް ޖެނުއަރީ 2012 ގައި ޕްރިމޯސް އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން މާލޭގެ ހިތްފަސޭހަ މައިދާނުގެ ހަތަރު ނަމްބަރު ގޮޅި ޕްރިމޯސް އިން ކުއްޔަށް ނަގާފައި ވަނިކޮށް، އެ ބިން ހުސް ކުރުމަށް 15 ޖެނުއަރީ 2018 ގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިިންފްރާންސްޓްރަކްޗާ އިން އެންގުމާ ގުޅިގެން ތަން ހުސް ކުރުމަށްފަހު، އެއްބަސްވުމެއްގައި ވާގޮތަށް، އެ މިނިސްޓްރީން ބަދަލުދީފައިނުވާ ކަމަށްބުނެ، މާލޭ ސިޓީ ކައުންސިލާއި އެ މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އެކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގައި ޕްރިމޯސް އިން އެދިފައި ވަނީ، ދައުލަތުން (މާލޭ ސިޓީކައުންސިލް)ގެ ފުރަތަމަ އެއްބަސްވުން ބާތިލު ކުރުމުން ދައުވާ ލިބޭ ފަރާތަށް ބަދަލުދޭންޖެހޭ ކަމަށް ކަނޑައެޅުމަށެވެ. މާނައަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވެފައިވާ މައްސަލައެއްގައި، ދައުލަތަށް ބަދަލުދޭން ޖެހޭކަމަށް ކަނޑައެޅުމެވެ. ނަަމަވެސް މި މައްސަލައިގެ ހުކުމުގައި ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ އެއީ އިމްލާ ކުށެއް ކަމަށެވެ.

މީގެ އިތުރުން ދައުލަތު (ޕްލޭނިން މިނިސްޓްރީ)ގެ ދެވަނަ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދޭން ކަނޑައެޅި ބިން ހަވާލު ނުކުރުމުގެ ސަބަބުން 30.9 މިލިޔަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް ކަނޑައެޅުމާ އެކު ބަދަލު ދެއްކުމަށް ދައުލަތަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލައަށް ޖަވާބުދާރީވަމުން މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ، މި ދައުވާގައި ބުނާ އެއްބަސްވުން ބާތިލު ކުރީ، މާލޭ ސިޓީ ކައުންސިލުން ނޫން ކަމަށާއި ދައުވާގައި ބުނާ ދެވަނަ އެއްބަސްވުމުގައި ޕްރިމޯސް އިން ސޮއިކޮށްފައި ވަނީ މާލޭސިޓީ ކައުންސިލާ އެކު ނޫން ކަމަށެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން ނުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކައުންސިލާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ޕްރޮމޯސް އަށް ލިބިގެންނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ދިވެހި ދައުލަތުން ބުނެފައި ވަނީ، ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި ފަހެއް ޖެނުއަރީ 2012 ގައި ވެފައިވާ ކަމަށްބުނާ އެއްބަސްވުން ނިމުމަކަށް ގެނައީ ދެފަރާތުން އެއްބަސްވެގެން ކަމަށެވެ. އަދި އޭރުގެ ހައުސިން މިނިސްޓްރީން ޕްރޮމޯސްއާ އެކު، 19 އޭޕްރީލް 2018 ގައި ވެފައިވާ ދެވަނަ އެއްބަސްވުމަކީ ފަހެއް ޖެނުއަރީ 2012 ގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ޕްރޮމޯސްއަށް ދޭންޖެހޭ ބަދަލު ދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއްކަން، އެ އެއްބަސްވުމުގައި ސާފުކޮށް އެނގެން އޮންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިތުރު އެއްވެސް ބަދަލެއް ދައުވާކުރާ ފަރާތަށް ލިބެންޖެހޭ ގާނޫނީ އެއްވެސް ސަބަަބެއް ނެތުމާއެކު، ދެވަނަ އެއްބަސްވުމާ ވެސް ދައުލަތުން ހިލާފުވެފައިނުވާތީ އާއި އެބިން އެފަރާތާ ހަވާލުކޮށްފައިވާކަން އެނގޭތީ ދައުވާ ކުރާ ފަރާތުން އެދޭ ގެއްލުމުގެ ބަދަލަށް ދައުލަތުން ޒިންމާވާ ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، 19 އޭޕްރީލް 2018 ގައި ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމާ ދައުލަތުން ހިލާފުވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވެން ނެތް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ޕްރިމޯސް އިން އެދިފައިވާ 30.9 މިލިޔަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ހުކުމް ކުރާ ކަމަށެވެ.