ޖަރުމަނު ބުންޑަސް ލީގާގައި ރޭ ބަޔާން ލެވަކޫސަން ކައިރިން ހޯދި ބޮޑު މޮޅާއެކު ބަޔާން މިއުނިކުން ހަމަޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ބަޔާންއިން ލެވަކޫސަން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު ލީގުގައި އެންމެފަހުން ކުޅެފައި އޮތް ހަތަރު މެޗުންވެސް ބަޔާންއަށް މޮޅެއް ނުހޯދި، އެޓީމު އޮތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގައެވެ. ލީގު ތާވަލުގެވެސް ފަސްވަނައަށް އެޓީމު އޭރު ސޮއްސާލާފައި އޮތް ނަމަވެސް، ރޭގެ މޮޅާއެކު އަނެއްކާވެސް ވަނީ ދެވަނަ މަގާމަށް ޖެހިލައިފައެވެ.

ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ޔޫނިއަން ބާލިންއަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ބަޔާނަށް އަށް މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށްވެސް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، މި ހަފުތާގައި ކުޅޭ މެޗުން މޮޅުވެ، ޑޯޓުމަންޑަށް އަނެއްކާވެސް ބަޔާންގެ ކުރިއަށް ޖެހިލެވޭނެއެވެ.

ރޭގެ މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު ޖަހައިދިނީ ލެރޯއި ސާނޭއެވެ. އެ ގޯލަށް އެސިސްޓް ކޮށްދިނީ އިންޓަނޭޝަނަލް ބްރޭކުގައި ޖަރުމަނަށް މުހިއްމު ކުޅުމެއް ދެއްކި އިނގިރޭސިވިލާތަށް އުފަން ޖަމާލް މުސިއާލާއެވެ. އެ ގޯލަށް އެސިސްޓް ކޮށްދީ، 17 ވަނަ މިނެޓުގައި މުސިއާލާ ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ތޯމަސް މުލާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންއިން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖަހައިދިނީ ސަޑިއޯ މާނޭއެވެ. މާނޭގެ ފޯމު ބަޔާނުގައި އެންމެ ރަނގަޅުކޮށް އަދި ފެނިފައި ނުވި ނަމަވެސް ރޭގެ މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ. ފުރަތަމަ ހާފުގައި ގޯލެއް ޖެހުމުގެ އިތުރުން ދެވަނަ ހާފުގައިވެސް މާނޭ ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވަދެފައިވެއެވެ. އެހެން ނަމަވެސް އެ ބޯޅައަށް މަސައްކަތް ކުރިއިރު، މާނޭ އޮތީ އޮފްސައިޑް މަގާމެއްގައެވެ.

ރޭގެ މެޗުގައި ބަޔާންއަށް ހަތަރު ވަނަ ގޯލެއް ޖަހައިދިނީ ތޯމަސް މުލާއެވެ.