ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ހުޅުވުމަށް، އަންނަ ބުރާސްފަތި ދުވަހު އެއާޕޯޓްގެ ހުރިހާ މޫވްމަންޓެއް 8 ގަޑިއިރަށް ހުއްޓާލާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް އެފެއާޒް، ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ވަން" އަށް މިއަދު ވިދާޅުވީ، އާ ރަންވޭ ހުޅުވުމަށް އަންނަ ބުދަ ދުވަހުގެ ރޭ 11:00 ގައި އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ފްލައިޓުތަކުގެ ދަތުރުތައް 8 ގަޑިއިރަށް މަދުކަނޑާލާނެ ކަމަށެވެ.

"ބުދަ ދުވަހުގެ ރޭގެ 11 އިން ބުރާސްފަތި ދުވަހުގެ ހެނދުނު ހަތެއް ޖަހަންދެން ރަންވޭ އެއްކޮށް ބަންދު ވާނެ. ރަންވޭ ބަންދުކުރަން މިޖެހެނީ ދެ ރަންވޭ ސުވިޗު ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުރުމުން،" ހަސަން ވިދާޅުވިއެވެ.

ރަންވޭ ބަންދުކުރާކަން އެއާލައިންތަކަށް ވަނީ މީގެ ކުރިން އަންގައިފައެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ސީ ޕްލޭން ޓާމިނަލްވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެއެވެ. އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައެވެ.

ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭ ހަދަން ފެށީ 2017 ވަނަ އަހަރެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާލުކޮށްގެން ހެދި އާ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ރަންވޭއަކީ 3400 މީޓަރު ދިގު، ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ.

ރަންވޭ ބޭނުންކުރަން ލަސްވެފައި އޮތީ ރަންވޭއާ ކައިރީގައި ހުންނަ ޓީއެމްއޭގެ ކުރީގެ ސީޕްލޭން ޓާމިނަލް އެ ތަނުން ނުނެގޭތީއެވެ. ނަމަވެސް އެމްއޭސީއެލުން ކުރިންވެސް އަމާޒު ހިފާފައި އޮތީ އަހަރުގެ ފަހުކޮޅަށް ދިމާވާ، ރާއްޖޭގެ ޓޫރިޒަމް ޕީކް ސީޒަނާ ދިމާކޮށް ރަންވޭ ބޭނުންކުރަން ފެށުމަށެވެ.

އާ ރަންވޭ ބޭނުންކުރަން ފަށާ އިރު، އެ ރަންވޭއަށް ބޯޓު ޖައްސަން އެހީތެރިވެދިނުމަށް ގާއިމުކުރާ 'އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް' (އައިއެލްއެސް) ބަހައްޓައި، ބޭނުންކުރެވޭ ހާލަތަށް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ގެނެސްފައެވެ.