މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޗެއާމަނަކަށް، ފަސްވަނަ ދައުރަކަށް އަހުމަދު ސާޖިދު އިންތިހާބުކޮށްފިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް މާޒިޔާގެ ބޯޑު އެކުލަވާލުމަށް އެ ކްލަބުގެ އިންތިހާބު މިރޭ ބާއްވާފައި ވަނީ މާފަންނު ޔޫތު ސެންޓަރުގައެވެ. އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ 55 މެމްބަރުންގެ ބައިވެރިވުމާ އެކުގައެވެ.
މާޒިޔާގެ ބޯޑު މިރޭ އިންތިހާބު ކޮށްފައިވާ އިރު، އެ ކްލަބުގެ ޗެއާމަނަކަށް ކުރިއަށް އޮތް ދައުރަށް އިންތިހާބު ކޮށްފައި ވަނީ މިދިޔަ ހުރިހާ ދައުރެއްގައިވެސް ކްލަބުގެ ބޯޑުގައި ހުރި ސާޖިދެވެ. އޭނާގެ އިތުރުން ހަތަރު ވައިސް ޗެއާމަނެއްވެސް މިރޭ އިންތިހާބު ކޮށްފައިވެއެވެ.
އެގޮތުން ސްޕޯޓްސްގެ ވައިސް ޗެއާމަނަކަށް އިންތިހާބު ކޮށްފައި ވަނީ އަބްދުﷲ މޫސައެވެ. އެޑްމިންގެ ވައިސް ޗެއާމަނަކަށް އިބްރާހީމް ވަހީދު އިންތިހާބު ކޮށްފައިވާ އިރު، އިޖުތިމާއީ ކަންކަމުގެ ވައިސް ޗެއާމަނަކީ އަބްދުލް މުހައިމިނެވެ. ފައިނޭންސްގެ ވައިސް ޗެއާމާނަކަށް މިރޭ އިންތިހާބު ކޮށްފައި ވަނީ މުހައްމަދު ނައީމެވެ.
މިފަހަރުވެސް މާޒިޔާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އިންތިހާބުކުރީ އަބްދުލް ވައްހާބު (ވައްކޭ) އެވެ.
މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ކްލަބެވެ. ހާއްސަކޮށް އެ ކްލަބަކީ މިވަގުތު ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގަމުންދާ ކްލަބުވެސް މެއެވެ. ހާއްސަކޮށް ކުޅުންތެރިންނަށް ބަރާބަރަށް މުސާރަތައް ދިނުމާއި ކްލަބުގެ އެކަޑެމީގެ ހަރަކާތްތައްވެސް މާޒިޔާއިން ހަރުދަނާ ކަމާއެކު މެނޭޖުކުރަމުންދާ އިރު، އެ ކްލަބުން ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދައިފައެވެ.
މިދިޔަ ސީޒަނުގެވެސް އެފްއޭ ކަޕާއި ދިވެހި ޕްރިމިއާ ލީގުވެސް މާޒިޔާއިން ކާމިޔާބުކުރިއެވެ. މިފަހަރު މާޒިޔާއިން ކާމިޔާބުކުރީ ތިންވަނަ އެފްއޭ ކަޕެވެ. މިދިޔަ ސީޒަންގެ ކުރިން މާޒިޔާއިން އެފްއޭ ކަޕް ކާމިޔާބުކުރީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރުއެވެ. އަދި މިފަހަރު މާޒިޔާއިން ލީގު ކާމިޔާބުކުރީ ޖެހިޖެހިގެން ތިންވަނަ ފަހަރަށެވެ. އަދި އެޓީމުން މިހާރު ވަނީ ޖުމުލަ ފަސް ފަހަރު ލީގު އުފުލާލައިފައެވެ.
މާޒިޔާއިން ރާއްޖޭގެ ލީގު ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގައެވެ. އޭގެ ފަހުން 2019-2020 ވަނަ އަހަރު މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ މާޒިޔާއަށް ރާއްޖޭގެ ލީގު ތަށި ހޯދައިދީފައެވެ.
ކޮވިޑް-19ގެ ސަބަބުން ލީގުގެ ކުޅުން ހުއްޓާލުމާ އެކު މާޒިޔާއިން މިދިޔަ ފަހަރު، 2020-2021 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދީ ދެ ބުރު ކުޅެގެންނެވެ. މާޒިޔާއިން މިދިޔަ ސީޒަންގެ ލީގު ހޯދީ ތަޖުރިބާ ކާރު ކޯޗު މިއޮޑްރޭގް ޖެސިކާ އެކުގައެވެ.
ފުޓުބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކުގައިވެސް މާޒިޔާގެ ނަން މިހާރު ދަނީ ފާހަގަވަމުންނެވެ.
- ޗެއާމަން - އަހުމަދު ސާޖިދު
- ވައިސް ޗެއާމަން (ސްޕޯޓްސް) - އަބްދުﷲ މޫސަ
- ވައިސް ޗެއާމަން (އެޑްމިން) - އިބްރާހީމް ވަހީދު
- ވައިސް ޗެއާމަން (ސޯޝަލް) - އަބްދުﷲ މުހައިމިން
- ވައިސް ޗެއާމަން (ފިނޭންސް) - މުހައްމަދު ނައީމް
- ހަޒާންދާރު - ފާތިމަތު ޝާއިރާ
- ޖެނެރަލް ސެކްރެޓަރީ - އަބްދުލް ވައްހާބު
- ބޯޑު މެމްބަރު - ހަސަން ޝިފާން
- ބޯޑު މެމްބަރު - ހަސަން ޝާފިއު
- ބޯޑު މެމްބަރު - އަލީ ޝާހިދު
- ބޯޑު މެމްބަރު - އަހުމަދު ޝިފާޒް
- ސްޕޯޓްސް މެނޭޖަރު - މުހައްމަދު ސުވައިދު
- އޯގަނައިޒިން ސެކްރެޓަރީ - އަހުމަދު ސުޒައިރު
- އެސިސްޓިން އޯގަނައިޒިން ސެކްރެޓަރީ - މުހައްމަދު ޝިފާޒް
- ލިއޭސަން އޮފިސަރު - އަކްރަމް ރަމްޒީ
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު