ޑެންމާކުން ވޯލްޑް ކަޕަށް ދައްކާލި ޖާޒީގައި ގައުމުގެ ފުޓުބޯޅަ ލޯގޯއާއި ސްޕޮންސާގެ ލޯގޯގެ ކުލަ ފަނޑު ކޮށްފައި ވަނީ "ގަތަރުގެ އިންސާނީ ހައްގުތަކުގެ ހާލަތު،" ދުނިޔޭގެ ސަމާލުކަމަށް ގެންނަން ކަމަށް އެގައުމުގެ އެފްއޭއިން ބުނެފިއެވެ.

ޑެންމާކުން ވޯލްޑް ކަޕަށް ދައްކާލި ޖާޒީ ސެޓުގައި ތިން ޖާޒީއެއް ހިމާނާފައިވެއެވެ. އެގައުމަށް ކިޓް އުފައްދާ ހުމެލްއިން ބުނެފައި ވަނީ އޭގެ ތެރެއިން ވޯލްޑް ކަޕްގައި ފެންނާނީ ދެ ޖާޒީއެއް ކަމަށާއި، ދައްކާލި ޖާޒީތަކުގެ ތެރެއިން ތިންވަނަ ޖާޒީ، ކަޅު ޖާޒީ ވޯލްޑް ކަޕްގައި ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޖާޒީ ދައްކާލާފައި ވަނީ އެގައުމުން ގަތަރަށް ދޭން ބޭނުންވާ މެސެޖު ބޮޑުވުމުން ކަމަށްވެސް ހުމެލްއިން ބުނެފައިވެއެވެ.

"ކަޅު ޖާޒީއަކީ ހިތާމައިގެ ޖާޒީ،"އެއްގެ ގޮތުގައި ހުމެލްއިން ސިފަކޮށްފައިވާ އިރު، އެ ކުންފުނިން ބުނެފައި ވަނީ ޑެންމާކުން އަޑު އުފުލަނީ ވޯލްޑް ކަޕްގެ މަސައްކަތްތަކުގައި ގަތަރުގައި ހަރަކާތްތެރިވި މަސައްކަތްތެރިން މަރުވި އަދަދު އެގައުމުން ސިއްރުކޮށްފައިވުމާއި، މަރުވި މީހުންގެ އަދަދު އިތުރުވުމުން އެކަމާ ދެކޮޅަށް ކަމަށެވެ.

ޑެންމާކުން ދައްކާލި ޖާޒީތަކުގައި ހިމެނެނީ ރަތް ޖާޒީއަކާއި ހުދު ޖާޒީއެއްގެ އިތުރުން ކަޅު ޖާޒީއެވެ. އެ ތިން ޖާޒީގައިވެސް ގައުމީ އެފްއޭގެ ލޯގޯއާއި ކިޓް ސްޕޮންސަރުންގެ ލޯގޯގެ ކުލަވެސް ފެންނަނީ ވަރަށް ބޮޑަށް ފަނޑު ކޮށެވެ.

ޑެންމާކުގެ ކިޓް ސްޕޮންސަރުން އެގައުމުގެ ޓްރެއިނިން ކިޓްގައި ލޯގޯ ނުޖަހާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

ވޯލްޑް ކަޕްގެ މަސައްކަތަށް ގަތަރުން ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، އެގައުމުން ވަނީ ހަތް ސްޓޭޑިއަމްއެއް އަލަށް ތައްޔާރު ކޮށްފައެވެ. އޭގެ އިތުރުން މުޅިން އާ އެއާޕޯޓަކާއި އާ އެތައް މަގެއް ގަތަރުން ތައްޔާރު ކޮށްފައިވެއެވެ. އޭގެ އިތުރުން 100 އަށްވުރެ ގިނަ ހޮޓާވެސް ގަތަރުން ވަނީ އިމާރާތް ކޮށްފައެވެ. ގަތަރު ސަރުކާރުން ބުނެފައި ވަނީ ގައުމުން ބޭރުގެ 30،000 މަސައްކަތްތެރިން އެ މަސައްކަތްތަކުގައި ހަރަކާތްތެރިވި ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބަންގްލަދޭޝާއި، ނޭޕާލް އަދި ފިލިޕީންސްގެ ރައްޔިތުންނެވެ.

ގަތަރުން މަސައްކަތްތެރިންގެ ސިއްހީ އަދި އެހެނިހެން ޒަރޫރީ ކަންކަމުގައި އަމަލު ކޮށްފައިވާ ގޮތަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން މަސައްކަތުގެ ތެރޭގައި އެކިއެކި ހާދިސާތައް ދިމާވެ މަރުވި މީހުންގެ އަދަދު ގަތަރުން ސިއްރު ކުރި ކަމަށްވެސް ވަނީ ތުހުމަތުތައް އަމާޒުވެފައެވެ.

ގަތަރުން ބުނެފައި ވަނީ ވޯލްޑް ކަޕްގެ މަސައްކަތުގައި 2014 އިން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް މަރުވެފައި ވަނީ ޖުމުލަ 37 މީހުން ކަމަށެވެ. އޭގެ ތެރެއިން މަސައްކަތާ ގުޅުން ހުރި ގޮތެއްގައި މަރުވެފައި ވަނީ ތިން މީހެއް ކަމަށެވެ.

އެހެން ނަމަވެސް ގާޑިއަންއިން 2021 ވަނަ އަހަރު ފެބްރުއަރީ މަހު ރިޕޯޓު ކޮށްފައިވަނީ ގަަތަރުގެ ވޯލްޑް ކަޕް މަސައްކަތްތަކުގައި 6،500 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ގާޑިއަންއިން އެ އަދަދުތައް ރިޕޯޓު ކޮށްފައި ވަނީ ގަތަރުގައި ހުންނަ ޕާކިސްތާނާއި، އިންޑިއާގެ އިތުރުން ނޭޕާލް އަދި ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލާ ދީފައެވެ.