ޚަބަރު

ޖަމާލުއްދީނާއި އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް 168 މިލިއަން ރުފިޔާއަށް އަމިންއަށް

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތާއި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތުގެ މަސައްކަތް ޖުމްލަ 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ސްކޫލުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ ދެ ސްކޫލުގެ މަސައްކަތަކީ ޑިޒައިން އެންޑް ބިލްޓް އުސޫލުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ އަގަކީ 168.53 މިލިއަން ރުފިޔާއެވެ. އެ ދެ ސުކޫލުގެ މަސައްކަތް އަމިންއާ ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް ނިންމައި 2024ގެ ދެވަނަ ޓާމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުް

  • 40 ކްލާސްރޫމް
  • މަލްޓިޕާޕަސް ހޯލް
  • ހަތަރު ލިފްޓް
  • މުވައްޒަފުން ޕާކުކުރާނެ ޕާކިން އޭރިއާއެއް

ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތް

  • 34 ކްލާސްރޫމް
  • ދެ ލިފްޓް
  • މުވައްޒަފުން ޕާކުކުރާނެ ޕާކިން އޭރިއާއެއް

މިނިސްޓްރީން ބުނީ ޖަމާލުއްދީން ސްކޫލް ސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް، ސްކޫލްގެ ބޭނުމަށް އާ މަގެއް ވެސް ހަދާނެ ކަމަށެވެ. އަދި ޖަމާލުއްދީން ސްކޫލުގެ އާ އިމާރާތް ނިމުމުން އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ބާ ޖަމާލުއްދީން ސްކޫލް ތަޅާލައި ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ 14 ވަނަ ދުވަހަށް އެތަން އެއްކޮށް ސާފުކޮށް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަަމަ ނިންމީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށް, ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރުމަށެވެ.

ނަމަވެސް ބެލެނިވެރިން އެކަމާ ދެކޮޅު ހަދައި އިހުތިޖާޖު ކުރުމުން ސަރުކާރުން ނިންމީ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތުގައި ވަގުތީ ގޮތުން އަރަބިއްޔާ ކިޔެވުން ބަދަލު ކުރުމަށެވެ. އެ ތަން ސްކޫލަކަށް ބަދަލުކޮށް ވަގުތީގޮތުން ކިޔަވަދޭން ފެށީ މި އަހަރުގެ ޖެނުއަރީ މަހު ފެށި އާ ޓާމާއެކުއެވެ.

ބާ ޖަމާލުއްދީން ހުރި ގޯތި ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ 20 ގައެވެ. އަދި އެ މަސައްކަތަށް، ބާ ޖަމާލުއްދީނުގައި ހިންގަމުންދިޔަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒު ހުސްކުރަން އެންގިއެވެ. އަދި އެތަން ތަޅާލުމުގެ މަސައްކަތް ހުސްވި މެއި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރިއެވެ.