ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ތަހުގީގުކުރަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ގާޒީ އަލީ އަބްދުﷲ އާ ބެހޭގޮތުން ބަލަން ނިންމި މައްސަލައަކީ، އަވަހަށް ބަލައި ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއް، ފަރުވާކުޑަކޮށް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ބެލެވިގެން ބަލާ މައްސަލައެއް ކަމަށެވެ.
އެހެންކަމުން ގާޒީ އަލީ އަބްދު ﷲގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ފެންނަކަމަށް ކޮމިޝަނުން ނިންމައި އެ މައްސަލަ ތަހުގީގު ކޮމިޓީއަކާ ހަވާލު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސިވިލްކޯޓުގެ ގާޒީ އަލީ އަބުދުﷲގެ ސުލޫކީ މައްސަލައެއް މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ބަލައިފައެވެ. އެއީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލްކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި، އެކަށީގެން ނުވާ މިންވަރަށް މައްސަލަ ލަސްކޮށްފައިވާ މައްސައެކެވެ.
އެ މައްސަލަ ބެލުމަށްފަހު ގާޒީގެ އެ އަމަލަކީ ގާނޫނުއަސާސީގެ 151 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަމްބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަމްބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ނިންމިއެވެ. އަދި ސުލޫކީ ފިޔަވަޅެއްގެ ގޮތުން ގާޒީ އަލީ އަބުދުﷲ އަށް ނަސޭހަތް ދިނުމަށް ނިންމައި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު