ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްއާ ގުޅޭގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްގެ ސުލޫކީ މައްސަލަ، ތަހުގީގުކޮށް، އެމައްސަލަ ސާބިތުނުވާކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެކޮމިޝަނުގެ 66 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި މެޖިސްޓްރޭޓް އަހުމަދު އަކްރަމްއާ ގުޅޭ ގޮތުން ހުށަހެޅުނު ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް އޭނާއަށް ނޯޓިސް ދީފައިވަނީ، 28 އޮކްޓޫބަރު 2020 ގައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް ޖޭއެސްސީން ނުބުނެއެވެ.
މެޖިސްޓްރޭޓް އަކްރަމްއާ ގުޅިގެން މީގެ ކުރިންވެސް ޖޭއެސްސީން މައްސަލައެއް ބެލިއެވެ. އެއީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާތައް އިތުރުކުރިކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަވެސް އޭނާގެ މައްޗަށް ސާބިތެއް ނުވިއެވެ.