އަންނަ މަހުގެ އެކަކުން ނުވަޔަކަށް ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދަން ނިންމާފައިވާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިިފިކޭޝަންގައި ވާދަކުރުމަށް ގައުމީ ޓީމު މިއަދު ފުރައިފިއެވެ.
މިއަދު ޓީމު ފުރާފައިވާ އިރު، ކޮލިފިކޭޝަންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ކުވޭތާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން، ހޯމަ ދުވަހު، އިންޑިއާއާ ދެކޮޅަށް ކުޅޭ އިރު، ތިންވަނަ މެޗުގައި ސައުދީ އަރަބިއްޔާއާ ކުޅޭނީ ބުދަ ދުވަހުއެވެ. އެއަށްފަހު، ތިން ދުވަސް ފަހުން ގްރޫޕްގެ ފަހުމެޗުގައި ރާއްޖޭން މިޔަންމާއާ ކުޅޭނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.
މިފަހަރު ރާއްޖޭގެ ޓީމުން ވަރުގަދަ ގްރޫޕެއްގައި ހިމެނިފައި އޮތް އިރު، އެންމެ ބޮޑު ފަސޭހައަކީ ދާދިފަހުން ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ޓީމުން ވާދަކޮށް ތަޖުރިބާއެއް ހޯދިފައި އޮތުމެވެ. އެހެން ނަމަވެސް މިފަހަރު ދާޓީމަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ އޭއެފްސީން އުމުރު ކަނޑައަޅާ އުސޫލުގެ ދަށުން 2008 ވަނަ އަހަރު އުފަންވި ކުޅުންތެރިންވެސް ސްކޮޑުގައި ހިމެނޭ ގޮތަށް އޮތުމުންނެވެ. ސާފަށް ދިޔަ ޓީމުގައި ހަމައެކަނި ހިމެނެނީ 2006، 2007 ވަނަ އަހަރު އުފަންވި ކުދިންނެވެ.
"ޓީމު ތައްޔާރުކޮށްފައި މިއޮތީ ހަތަރު މެޗު ކުޅޭއިރު ރޮޓޭޓް ކުރެވޭ ސިސްޓަމަކަށް، ގިނަ ކުޅުންތެރިން ގިނަ މަގާމުތަކަކަށް ކުޅެވޭ ގޮތަށް ދަސްކޮށްދީގެން. ކުރިން ލަންކާއަށް ދިޔަ ޓީމުން ފަސް ކުޅުންތެރިން ޑްރޮޕްކޮށްފައި، އިތުރު ކުޅުންތެރިން މިނެގީ. ދެން މިހާރު ޓީމުގެ އެޓޭކް ލައިނަށް އިތުރު ހުނަރުވެރި ކުޅުންތެރިން ގެނެސްގެން މި މަސައްކަތް ކުރަނީ، އެހެންވެ ޓީމުގެ ރޫހަށްވެސް ބަދަލުތަކެއް އަންނާނެ،" ޓީމުގެ ކޯޗު، އިސްމާއީލް އާސިފް (ކުޑަ ހީނާ) މިއަދު ފުރުމުގެ ކުރިން ނޫސްވެރިންނަށް ބުންޏެވެ.
ކުޑަ ހީނާ ބުނީ ލިބުނު ދުވަސްކޮޅާ ބަލާފައި ޓީމުގެ ތައްޔާރީތައް ރަނގަޅު ނަމަވެސް، ތަޖުރިބާ ހޯދުމުގެ މެޗެއް ނުކުޅެވި އޮތް އޮތުން އެއީ މަޔޫސްކަމެއް ކަމަށެވެ.
"ލިބުނު ދުވަހާ ބަލާފައި ރަނގަޅު. ލަންކާ މުބާރާތުންވެސް ތަޖުރިބާއެއް ހޯދައިގެން އައީ. ފަހުން އައިސް ޓެކްނިކަލީ ވަރަށް މަސައްކަތް ކޮށް ގޭމް ސިޗުއޭޝަންތަކަށް މަސައްކަތް ކުރީ. 16 އަހަރުން ދަށުގެ ޓީމެއް ތައްޔާރުކުރާ އިރު ގޮންޖެހުންތަކެއް ހުރޭ. އެއް ކަމަކީ އެކުވެރިކަމުގެ މެޗުތަކެއް ނުލިބުން،" ކުޑަ ހީނާ ބުންޏެވެ.
ކުޑަ ހީނާގެ ނަޒަރުގައި މުބާރާތެއްގެ ކުރިއަށް ކޭމްޕެއް މުހިއްމެވެ. އެއީ ޓީމެއް އެކުލަވާލުމަށްވެސް މުހިއްމު ކަމެކެވެ.
"އެއީ ޓީމު އެކުވެ ކުދިންތަކެއް އެއްކޮށް މެޗެއް ކުޅެން ޖެހޭނެ. އެކަމަކު މި އޭޖްއަށް މެޗެއް ކުޅޭއިރު ފީފާ އޭއެފްސީގެވެސް އިނދޭ ވަކި އުސޫލުތަކެއް. ދޮށީ އުމުރެއްގެ ޓީމަކާ ދެކޮޅަށް ކުޅުމަކީވެސް އެހާ ރަނގަޅު ގޮތަކަށް ނުވޭ. އެކަމުގެ ދަތިތައް ހުރީ. އެއީ ޓީމު އިތުރަށް ރަނގަޅު ކުރުމަށް އެޅޭ ހުރަހެއް. މިކަހަލަ މުބާރާތަކަށް ދާއިރު މުހިއްމު ވާނެ މެލޭ ނޫނީ ސިންގަޕޯ ކަހަލަ ގައުމެއްގައި ކޭމްޕްކޮށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުން،" ކުޑަ ހީނާ ބުންޏެވެ.
"ކިތައްމެ ވަރަކަށް ހުނަރު ހުރިޔަސް މެޗުތަކުގެ ފިޓްނަސްއާއި މެޗު އެކްސްޕީރިއަންސް ނުލިބޭނެ މެޗެއް ނުކުޅެއެއް،" ވެލެންސިއާއަށް މިދިޔަ ސީޒަނުގެ ޕްރެސިޑެންޓްސް ކަޕް ހޯދައިދިން ކޯޗު ކުޑަ ހީނާ ބުންޏެވެ.
ސާފް 17 އަހަރުން ދަށުގެ މުބާރާތް ދާދިފަހުން ގައުމީ ޓީމުން ނިންމާލީ ބަންގްލަދޭޝް އަތުން 5-0 އިން، އަދި ލަންކާ އަތުން 1-0 އިން ބަލިވެގެންނެވެ. މިފަހަރު ސްކޮޑަށް އިތުރު ބަދަލުތަކެއް ގެނެސްފައިވާ އިރު، ކޯޗުގެ ވިސްނުން ބޮޑަށް ހުރީ ތަޖުރިބާއަށެވެ. އެއީ ރާއްޖޭގެ ގްރޫޕް ވަރުގަދަވެސް ވުމާއެކުގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު