އާ އަހަރާ ދިމާކޮށް، ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު، ބޯޑަރު ބަންދުކޮށް އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓާލީ 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ޗައިނާގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވަނީ މިފަހުން ވިދާޅުވެފައެވެ.
މިނިސްޓަރު މައުސޫމް "ވަން" އަށް މިއަދު ވިދާޅުވީ، ޗައިނީސް ނިއު ޔިއާ (ޖެނުއަރީ 2023) އިން ފެށިގެން ރާއްޖެއަށް އެގައުމުގެ ފަތުރުވެރިން އަންނާނެ ކަމަށާއި އެއާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށެވެ. ނަމަވެސް ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ތާރީހެއް ފެށޭނެ ދުވަހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް ޗައިނާގެ އާ އަހަރު ފެށުމުގެ ކުރިންވެސް ޗައިނާ ފަތުރުވެރީން އަންނަން ފެށުމުގެ އުއްމީދު އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަހަރުގެ ޓޫރިސްޓު ސީޒަނުގައި ރަނގަޅު އަދަދަކަށް ފަތުރުވެރިން ގެނެވޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދުކުރަނީ" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން، އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެގޮތުން 2016 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އެގައުމުން އެކަނިވެސް ރާއްޖެއަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު