ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ މަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އާ ރަންވޭ ހަދަން ފެށީ 2017 ވަނަ އަހަރެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާލުކޮށްގެން ހެދި އާ ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ރަންވޭއަކީ 3،400 މީޓަރު ދިގު ފުޅާމިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ.
ރަންވޭ ބޭނުންކުރަން ލަސްވެފައި އޮތީ ރަންވޭއާ ކައިރީގައި ހުންނަ ޓީއެމްއޭގެ ކުރީގެ ސީޕްލޭން ޓާމިނަލް އެ ތަނުން ނުނެގޭތީއެވެ. ނަމަވެސް އެމްއޭސީއެލުން ކުރިންވެސް އަމާޒު ހިފާފައި އޮތީ އަހަރުގެ ފަހުކޮޅަށް ދިމާވާ، ރާއްޖޭގެ ޓޫރިޒަމް ޕީކް ސީޒަނާ ދިމާކޮށް ރަންވޭ ބޭނުންކުރަން ފެށުމަށެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަންނަ މަހުގެ ހަވަނަ ދުވަހު އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު ސީ ޕްލޭން ޓާމިނަލްވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އާ ރަންވޭ ބޭނުންކުރަން ފަށާއިރު، އެ ރަންވޭއަށް ބޯޓު ޖައްސަން އެހީތެރިވެދިނުމަށް ގާއިމުކުރާ 'އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް' (އައިއެލްއެސް) ބަހައްޓައި، ބޭނުންކުރެވޭ ހާލަތަށް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު