ޚަބަރު

އަލަމްގީރްގެ މައްޗަށް އުފުލާފައިވާ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާ ސާބިތުވެއްޖެ، ހުކުމްކުރުން މާދަމާ

އަލީ ޔާމިން

ގިނަ އަދަދެއްގެ ދިވެހިންނާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެ، ހުކުމް ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

އަލަމްގީރްގެ މައްޗަށް ދައުލަތުންވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ ކޮށްފައެވެ. އެ ދައުވާތަކަށް އިބްތިދާއީ މަރުހަލާގައި އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެހެންވެ، މިއަދު ވަނީ އެ މައްސަލައިގެ އަވަސް ނިޔާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައެވެ.

ކްރިމިނަލް ކޯޓުގެ ތަރުޖަމާނު މުހައްމަދު އަމާން "ވަން" އަށް މިއަދު ވިދާޅުވީ، އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އަލަމްގީރް، ދައުވާތަކަށް އިއުތިރާފުވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައިފައި ކަމަށާއި އެ މައްސަލައިގެ ހުކުމްކުރުން މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އަލަމްގީރްގެ މައްޗަށް ކޮށްފައިވާ 40 ދައުވާގެ ތެރެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ، އެއްމަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތުރާފުވެފައިވާތީ ކޮންމެ ދައުވާއެއްގެ އަސާސީ އަދަބު ވަނީ 27 ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވެފައެވެ.

އަލަމްގީރްގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާތައް ސާބިތުވެފައިވާއިރު، މީގެ ކުރިން އޭނާގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާ ގުޅިގެން ކޮށްފައިވާ ޖަލު ހުކުމެއް އޭނާ އަންނަނީ ތަންފީޒު ކުރަމުންނެވެ.

އެ މައްސަލަތަކުގައި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ މައްސަލައަށް އޭނާ އިއުތިރާފުވެފައި ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން ލުއިދިނުމަށްފަހުގައެވެ.