ޚަބަރު

ބިގް ކުންފުނިން ލޯނު ނުދެއްކުމުން ގ. މޫނިމާގެ ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފި

އިބްރާހިމް ޒަކީ

މއ. ބޯގަންވިލާ، ހަސަން އިސްމާއީލް އާއި ރައީސް އޮފީހުގެ ފޮޓޯގްރާފަރު، މއ. ފަށުވި މުންޝިދު މުހައްމަދު ގެރެންޓީ ދީގެން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުނިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނެއް ނުދައްކައިގެން ގ. މޫނިމާގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފިއެވެ.

އެކަމަށް ސިވިލްކޯޓުން ދިން ހުއްދައިގައި ބުނެފައި ވަނީ، ހަސަން އިސްމާއީލް އާއި މުންޝިދު މުހައްމަދު ޔަގީންކަން ދީގެން ގ.މޫނިމާގޭ އަހުމަދު ޒާހިރު ރަހުނު ބަހައްޓައިގެން ބިގް ކުންފުނީގެ އެދުމަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 34.3 މިލިޔަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ.

އެ ލޯނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، 31 މާޗު 2020 ވަނަ ދުވަހުގެ ނިޔަލަށް ލޯނުގެ ބާކީގެ ގޮތުގައި އޮތް 25.8 މިލިޔަން ރުފިޔާ އާއި އިތުރަށް އަރަމުންދިޔަ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި، އެއްބަސްވުމާ އެއްގޮތަށް މަހަކު 434،060 އަށްވުރެ މަދުނޫން އަދަދެއް ބީއެމްއެލްއަށް ދައްކަމުން ގޮސް ލޯނު އެއްކޮށް ދައްކައި ހަލާސް ކުރުމަށް އެ ފަރާތްތަކަށް އެންގިއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް، 30.2 މިލިއަން ރުފިޔާ ދައްކަން ޖެހި ނުދައްކައި އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައަކީ އެ ފައިސާ ދައްކާފައި ނުވާތީ، ރަހުނު އެއްބަސްވުމުގެ ދަށުން، މޫނިމާގެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި އިމާރާތްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ލިބިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ބީއެމްއެލްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ނިންމި ނިންމުމުގައި ވަނީ، މިމަހު 26 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ގޯއްޗާއި ގޯތީގައިވާ އެންމެހާ އިމާރާތްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އެތަން ވިއްކާލައިގެން ދަރަނި ދެއްކުނު އަދަދާއި، ލޯނާ ގުޅިގެން ދައްކަންޖެހޭ ފައިސާ އެކުގައި ހަލާސް ނުވާނަމަ ބާކީ އޮތް މިންވަރު އެނގޭނެހެން، އެ ކަމާގުޅޭ މުއާމަލާތާގުޅޭ އެންމެހާ މައުލޫމާތު 10 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް އެންގުމަށް ބީއެމްއެލްއަށް އަންގާ ކަމަށެވެ.