ޚަބަރު

ޖާބިރު ވިދާޅުވަނީ ބަރުލަމާނީއަށް ގާސިމް އެއްބަސްވެއްޖެކަމަށް، ޖޭޕީން ބުނީ އެއީ ބޮޑުދޮގެއް ކަމަށް!

އިބްރާހިމް ޒަކީ

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިހާރު އެއްބަސްވެވަޑައިގެންފައިވާ ކަމަށް، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދު ދާިއރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަަމުން ޖާބިރު މިއަދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގާސިމް އެއްބަސްވެވަޑައިގަތީ، ރާއްޖޭގެ ފުރަތަމަ ޕްރައިމް މިނިސްޓަރުކަން ދެއްވާގޮތަށް ކަމަށެވެ. އެގޮތަށް، ގާސިމަށް ޕްރައިމް މިނިސްޓަރުކަމުގެ މަގާމު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، އޭނާވެސް އެގޮތަށް އެއްބަސްވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"މިހާރު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ގާސިމް އެއްބަސްވެއްޖެ، ފުރަތަމަ ޕްރައިމް މިނިސްޓަރަކަށް ގާސިމް މި އަންނަނީ ލާމަރުކަޒީ ކަމެއް، އޭނާ އެއްބަސްވީ ފުރަތަމަ ޕްރައިމް މިނިސްޓަރަކަށް، އެގޮތަށް ގާސިމް އެއްބަސް، އަޅުގަނޑުމެންވެސް އެގޮތަށް އެއްބަސް، ރައީސް ނަޝީދުވެސް ގާސިމަށް ޕްރައިމް މިނިސްޓަރުކަން ދޭން އެއްބަސް،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ދިނީ، އެއަށްފަހު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބު ބޭއްވުމަށް މިއޮތް ކުރު މުއްދަތުގައި އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމު ގެނައުން މުހިއްމު ކަމަށެވެ.

ޕްރައިމް މިނިސްޓަރުކަމުގެ މަގާމުގެ މައްސަލައިގައި، ގާސިމްގެ ހުރި ކަންބޮޑުވުމަކީ އެ މަގާމު ދިނުމަށްފަހު އަނެއްދުވަހު މަގާމުން ވައްޓާލަފާނެކަމާމެދު އޮތް ކަންބޮޑުވުން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމުގެ ބޭންކު ގެރެންޓީއެއްގެ ގޮތުގައި، އިތުރުފަޅަކާއި ފަޅުރަށެއް ހަމަޖެއްސިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އޭނާ މަސައްކަތް ކުރަނީ، މިހާރު އޮތް ވެރިކަމުގައި އޭނާއަށް ބައެއް އެޅިފައިނުވާތީ، އޭނާއަށް ބައި ލިބެން އޮތީ ބަރުލަމާނީ ނިޒާމު ގެނެސްގެން ކަމަށްވާތީ ކަމުގައެވެ.

"ބަރުލަމާނީ ގެންނަން މަސައްކަތް މި ކުރަނީ، އަޅުގަނޑަށް ބައި ނޭޅީމަ، އަޅުގަނޑަށް ބައި ލިބެން އޮތީ ބަރުލަމާނީ ގެނެސްގެން ކަމަށްވާތީ،" ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެ، އެ ނިޒާމާ ދެކޮޅަށް މީގެކުރިން ތަކުރާރުކޮށް، ގާސިމް އިބްރާހީމް ވަނީ ވާހަކަ ދައްކަވައިފައެވެ.

ބަރުލަމާނީއަށް ގާސިމް ތާއީދު ކުރައްވާކަމަށް، މަޖިލީހުގައި މިއަދު ޖާބިރު ދެއްކެވި ވާހަކައާ ގުޅިގެން، ޖުމްހޫރީ ޕާޓީ، (ޖޭޕީ)ގެ ތަރުޖަމާނު އަލީ ސޯލިހު ވަން އަށް ދެންމެ ވިދާޅުވީ، ގާސިމް ބަރުލަމާނީއަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެ، މަޖިލީހުގައި ޖާބިރު ހެއްދެވީ "ބޮޑުތަނުން ދޮގެއް،" ކަމަށެވެ. ގާސިމް ބަރުލަމާނީ އަށް ތާއިދު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.