ޚަބަރު

ހަނިމާދޫ ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް: ރައީސް

މުހައްމަދު އިޝާން

ހދ. ހަނިމާދޫ ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލު ވަދެގެން އަންނަ މައި ދޮރާއްޓަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލްއަގުވާމީ ކުރީ ހަމައެކަނި ނަން ބޯޑު ބަދަލުކޮށްލައިގެން އެކަނި ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓަށް ދެންވާނީ ކުރިން ވީގޮތެއް ނޫން. އެމަޝްރޫއަށް ބޭނުންވާ 2.1 ބިލިއަން ރުފިޔާ ހަމަޖެހިއްޖެ. ކޮންޓްރެކްޓްގާ ސޮއިކޮށް މަސައްކަތް ހަވާލުކުރެވިއްޖެ. ހަނިމާދޫ މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ ދެން ބަދަލުވާނީ 2.46 ކިލޯ މީޓަރުގެ ރަންވޭއަކަށް. އެއީ އޭޝިއާގެ އިރުމައްޗާ، ދެކުނު އިރުމަތީ އޭޝިއާއިން، ސީދާ ފުލައިޓް އޮޕަރޭޓް ކުރެވޭނެ ރަންވޭއެއް. އަދި މެދުއިރުމައްޗާ އިރުމަތީ އެފްރިކާ، ބޮޑު ތިލަދުންމައްޗާ ގުޅުވާދެނީ އެ ރަންވޭއިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު 1.3 ޕަސެންޖަރަންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުން ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި ބޮޑުތިލަދުންމަތީގައި 8،000 ޓޫރިސްޓު އެނދު ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިމަހުގެ 25 ވަނަ ދުވަހު ކޮންޓްރެކްޓްކޮށް، އެވޯޑް ކުރެވިފާ މިވަނީ މާލެ ސަރަހައްދުން ބޭރުގާ ހިންގޭ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިޕްރޮޖެކްޓް މިހިންގަނީ، ޖަޒީރާވަންތަ، ވިޔަވަތި ދިރިއުޅުން މިސަރަހައްދުގެ 41 ރަށަށް ލިބިދިނުމަށް. ހަނިމާދޫ ވެގެންދާނީ ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލު، ވަދެގެން އަންނަ މައި ދޮރާއްޓަށް. މިފަހަރު އެންމެ ފަހުކަމެއްގެ ގޮތުގައި ނޫނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ

ނަންބޯޑު ހަރެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.

"އަމިއްލަ ގައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން، މިރަށްތަކުގެ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް އައިސް ގޮސްވެވޭނެ. އެކަމަށް ދުވެ ދުވެ އެހުރި، އާރުޓީއެލް ފުދޭނެ. ދުވެލި މަޑެއް ނުވާނެ. އަދި ޓިކެޓްގެ އަގު ބޮޑެއްވެސް ނުވާނެ. އޭރުން މިއަވީގައި ޖެހިލައި، މިރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން، ބޮޑު ތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ،"

ރައީސް ވަނީ މިސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުގެ ބޮޑު ބަދަލަށް ބޮޑުތިލަދުންމަތި ފުރޮޅާލަން ޖެހޭތާ އަހަރުތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. ބޮޑުތިލަދުންމަތި ތަރައްގީ ނުކުރެވި، ގެއްލިގެންދިޔަ އަހަރުތައް ރައީސް ސިފަކުރެއްވީ "ހުހަށް ގޮސް ހުލިވި" އަހަރުތަކެއްގެ ގޮތުގައެވެ.

"އުތުރުގެ އިގުތިސޯދީ މައިދޮރާށީގެ ގޮތުގާ ހަނިމާދޫ ހުޅުވާލެވުނުނަމަ މި ސަރަހައްދުގެ 8،000 ޓޫރިސްޓުން އެނދު، ބާވެނެތާ ކިތަންމެ ދުވަހެއް. ބޮޑު ތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލު، މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދޫ އަށް ވެފައި އޮތް ގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނިމާދުއަށް ތަރައްގީ އަންނާނެ ކަމަށާއި ރައްޔިތުން އެދޭ ބަދަލުތައް އަންނާނެ ކަމަށެވެ. މި ސަރުކާރުން ގެންނަ ބޮޑު ބަދަލާއެކު އެ ތަރައްގީ މި ސަރަހައްދަށް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.