ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހއ. ދިއްދުއަށް ވަޑައިގެންފިއެވެ.
އާރްޓީއެލް ފެރީ ނިޒާމަކީ މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުއެވެ. ސަރުކާރުން އާރުޓީއެލް މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ރައީސް ދިއްދުއަށް ވަޑައިގެންފައި ވަނީ އުތީމުގައި ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ހަރަކާތްތަކަށްފަހުއެވެ. ރައީސާ އެކު އެ ދަތުރުފުޅުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ދިއްދުއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެރަށުގެ ގިނަ ބަޔަކު ވަނީ ގައުމީ ދިދައާ އެކު ރައީސަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސް ދިއްދުއަށް ވަޑައިގެންފައި މިވަނީ އެމަނިކުފާނު ބޮޑު ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ ދިއްދޫ ދަތުރުފުޅުގައި، އެމަނިކުފާނުގެ ވައުދުފުޅެއްކަމަށްވާ އާންމު ދަތުރުފަތުރުގެ ނިޒާމު، އާރްޓީއެލް މިރޭ އުތުރުގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ އާރުޓީއެލް ހައި ސްޕީޑް ފެރީގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދަން ރާވަފައި ވަނީ ޖުމުލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ހއ، ހދ އަދި ށ އަތޮޅަށް ވަނީ އެ ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. ޕައިލެޓް މަޝްރޫއެއްގެ ގޮތަށް އެންމެ ފުރަތަމަ މި ހިދުމަތް ފަށާފައިވަނީ މިދިޔަ މެއި މަހުގައި ހދ. އަތޮޅުގައެވެ. އެއަށްފަހު މިދިޔަ ޖުލައި މަސްތެރޭގައި ހއ. އަތޮޅުގައި ވެސް މި ހިދުމަތް ފަށާފައިވާއިރު، މިދިޔަ މަހު ވަނީ ށ. އަތޮޅުގައި ހިދުމަތް ފަށައިފައެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު