ދުނިޔެ

އަދުގެ ދުނިޔެ: ރަޝިޔާގެ ނިންމުމުގެ ސަބަބުން ހަނގުރާމައިގެ ބާވަތް އެހެރަގެން ބަދަލުވަނީއެވެ.

އިމާދު ލަތީފު

ޔުކްރޭނުގެ އެންމެ އިރުދެކުނުގެ ހަތަރު ސަރަހައްދެއްގައި ރަޝިޔާއިން މިހާރު އެގެންދަނީ ފެންނަ ނުފެންނަ ވޯޓެއް ނަގަމުންނެވެ. ލުހާންސްކާއި ޑޮނެސްކުގައެވެ. ޒަޕޮރީޒިޔާއާއި ޚާސަންގައެވެ. ޔަގީނާއި ގާތަށް ގަބޫލުކުރެވޭ ގޮތުގައި އެތަންތާގެ ރައްޔިތުން ނިންމާނީ ރަޝިޔާއާ ގުޅުމަށެވެ. އެގޮތަށް ހަމަނިންމުމާއެކު ރަޝިޔާގެ ގާނޫނުހަދާ މަޖިލީހުން އެ ނިންމުން ބަލައިގަތުމަށް ފާސްކުރާނެއެވެ. އެ ފާސްކުރުން ރައީސް ލަޑީމިއަރ ޕުޓިން ނިކަން އަވަހަށް ތަސްދީގުވެސް ކުރައްވާނެއެވެ. މި ހަފުތާ ނިމޭއިރު މިކަން މިމަގުން ނިންމައި ސިލްޖެހުން ވަރަށް އެކަށީގެންވެއެވެ. ކުރިން ދެންނެވި ހަތަރު ސަރަހައްދު ރަޝިޔާގެ ސަރަހައްދު ކަމުގައި ގާނޫނީގޮތުން ހަމަޖެހިގެންދާނެއެވެ. މިކަމަކީ ކޮންގޮތަކަށް ޔުކްރޭނުގެ މައްސަލަ ފުރޮޅިގެން ބަދަލުވެގެން ހިނގައިދާނެ ކަމެއްބާވައެވެ.

ކުރިން ދެންނެވުނު ހަތަރު ސަރަހައްދަކީ ޔުކްރޭނުގެ މުޅި ބިމުގެ ގާތްގަޑަކަށް ފަނަރަ އިންސައްތައެވެ. މި ސަރަހައްދުތައް ރަޝިޔާއާ އެއްކޮށްލުމުން ކްރައިމިއާ އާއި ރަޝިޔާ އެއްގަމުން ގުޅުނީއެވެ. ކްރައިމިއާ އަކީ 2014 ވަނަ އަހަރު ރަޝިޔާއިން ހިފައި ރަސްމީކޮށް އެގައުމުގެ ބަޔަކަށް ހަދާފައިވާ މުއްޔެކެވެ. ޮެޕެނިންސިއުލާއެކެވެ. ރަޝިޔާގެ މި ފިޔަވަޅު ވެގެންދާނީ މި ހަނގުރާމައިގެ ގޮތާއި ބާވަތަށް ނުހަނު ބޮޑު ބަދަލެއް ގެންނާނެ ނިންމުމަކަށެވެ. ކުޅިބައި ބަދަލުވެ މިހާރަށްވުރެވެސް ނުރައްކާތެރި މަގެއް އިޚުތިޔާރުކޮށްފާނޭ ނިންމުމަކަށެވެ. ޔުކްރޭނަކުންވެސް އަދި ޔުކްރޭނަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުންވެސް މި ނިންމުން ބަލައެއް ނުގަންނާނެއެވެ. ދެން މި ހަނގުރާމަޔަށް އަންނާނެ ބަދަލަކީ ހުޅަނގުން އަމަލުކުރާ ގޮތަކުން އަންނާނޭ ބަދަލެކެވެ.

ޔުކްރޭނަށް ހުޅަނގުގެ ގައުމުތަކުން މިހާރު ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުންކޮށްގެން ކުރިން ދެންނެވި ސަރަހައްދުތަކަށް ޔުކްރޭނުން ހަމަލަދިނުމަކީ ހަމަސީދާ ރަޝިޔާގެ ސަރަހައްދަށް ހަމަލަދިނުމެކެވެ. އެތަންތަން ރަޝިޔާއާ އެއްކޮށްލީމާ ރަޝިޔާގެ ގާނޫނު ބުނާގޮތުން ވެރިރަށް މޮސްކޯއެކޭ، ސެއިންޓް ޕީޓާރސްބާގެކޭ ތަފާތެއްނެތި ރަޝިޔާގެ ހުރުމަތްތެރިވެގެންވާ ސަރަހައްދަކަށްވީއެވެ. އެ ހާލަތުގައި ރަޝިޔާއަށް ލިބިގެންވާ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެންވިޔަސް ރަޝިޔާގެ ސަރަހައްދީ ކަރާމާތުގެ ހައްގުގައި ތެދުވެ ރައްދު ހަމަލަދޭން ލާޒިމުވާނެއެވެ. ޔުކްރޭނާއި ޔުކްރޭނުގެ ޒައާމަތު ފުނޑުފުނޑުކޮށްލަން ލާޒިމުވާނެއެވެ. ޔުކްރޭނަށް މަދަދުކުރާ ފަރާތްތަކަށް ހަމަލަދިނުންވެސް ހުއްދަވާނެއެވެ. އޭރުން އެފެށުނީ ސީދާގޮތެއްގައި ނޭޓޯއާއި ރަޝިޔާގެ ކުރިމަތިލުމެކެވެ.

ޔުކްރޭނުގައި ރަޝިޔާއިން ކޮންޓްރޯލްކުރާ ސަރަހައްދަކަށް ޔުކްރޭނުގެ ސިފައިން ހަމަލާދިނުމާއި ގާނޫނީގޮތުން ރަޝިޔާގެ ބިންކަމަށް ރަޝިޔާއިން ނިންމާފައިވާ ސަރަހައްދަކަށް ހަމަލާދިނުމަކީ މުޅިން ތަފާތު ދެކަމެކެވެ. ރަޝިޔާއަށް ހަމަލަދީފިއްޔާ ދައުލަތެއްގެ ގޮތުގައި ޔުކްރޭނު ދެމިއޮންނާނެތޯ، އަދި ޒާތްޒާތުގެ މޮޅު ތަގުރީރު ދެއްވަން ރައީސް ޒެލެންސްކީޔާއި އޭނާގެ ލީޑަރޝިޕް ދެމިއޮވެދާނެކަމާ ދޭތެރޭ ޝައްކެވެ. އެކަހަލަ ހާލަތެއްގައި ކަންކުރާނޭ ގޮތުގެ އިޝާރާތެއް ރައީސް ލަޑީމިއަރ ޕުޓިން ވަނީ ހުސްވި ހަފުތާތެރޭގައި ދެއްވައިފައެވެ. އަދި އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ލަވަރޯފްވެސް ވަނީ އެކަމާމެދު ވާހަކަފުޅު ދައްކަވައިފައެވެ. ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ރަޝިޔާގެ ސަރަހައްދީ ކަރާމާތަށް ނުރައްކަލެއް ފޯރައިފިނަމަ ރަޝިޔާއަށް ލިބިގެންވާ ހުރިހާ ބާރެއް ބޭނުންކުރާނެ ކަމަށާއި ހަތިޔާރު އުފައްދައިގެން ތިބީ ރީއްޗަކަށް ބަލަން ނޫންކަމަށެވެ.

ރަޝިޔާގެ ޕްލޭނާއި ބަސްމަގަށް އައި ބަދަލުން ހަގީގަތުގައިވެސް ހުޅަނގަށް ވަރަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. ދުރުގައި ތިބެގެން ޔުކްރޭނަށް ހުރިހާ ބާވަތެއްގެ ހަތިޔާރުދީގެން މި ހަނގުރާމަ ދިގުދަންމައި ރަޝިޔާއަށް ވީހާވެސް ބޮޑު ގެއްލުމެއް ދިނުމުގެ ރޭވުން ދެން އެގޮތަށް ކުރިއަށް ނުގެންދެވޭނެކަން ކަށަވަރުވެސް ވެއްޖެއެވެ. މި ހަނގުރާމަ ފުޅާކުރަން ރަޝިޔާ ޖެހިލުމެއް ނުވާނޭކަންވެސް ޔަގީންވެއްޖެއެވެ. ނިއުކުލިއަރ ހަތިޔާރެއް ބޭނުންކޮށްފިނަމަ ރައްދުގައި އެވެނިކަމެއް މިވެނިކަމެއް ކުރާނަމޭ ބުނެ ރަޝިޔާއަށް އިންޒާރުދިނަސް ހަގީގަތުގައި މިހާރު އެތިބީ ކަންބޮޑުވެފައެވެ. ރަޝިޔާއިން ނިއުކުލިއަރ ހަތިޔާރެއް ބޭނުންކުރިއަސް އެމެރިކާއާއި އިނގިރޭސީންނާއި ފަރަންސޭސީންނަށް ޔުކްރޭނުގެ ދިފާއުގައި ރަޝިޔާއާ ދެކޮޅަށް އެޒާތުގެ ހަތިޔާރެއް ބޭނުންކުރަން ކެރޭނީއަކީވެސް ނޫނެވެ.

ޔުކްރޭނުގެ ހަތަރު ސަރަހައްދެއް ނުވަތަ ފަސް ސަރަހައްދެެއް ރަޝިޔާއާ އެއްކޮށްލިއަސް އެކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިނުގަންނާނޭ ކަމަށާއި މިއީ ގޮތްހުސްވެގެން ރަޝިޔާއިން ކުރާ ހެއްވާ ކަމެއްކަމުގައި ހުޅަނގުން ބުންޏަސް މިއީ ހެއްވާ ކަމެއް ނޫންކަން އެމީހުން ހިތުގެ އަޑިން ގަބޫލުކުރެއެވެ. އަދި މިކަމަކީ ހުޅަނގުގެ ބަހާއި އަމަލު ދިމާނުވުން ހާމަވެގެންދާނޭ ކަމެއް ކަމަށްވެސް ގަބޫލުކުރެއެވެ. އިޒްރޭލު އެއޮތީ ސީރިޔާގެ ގޯލާން ފޭރިގެން އިޒްރޭލާ އެއްކޮށްލައިފައެވެ. އެކަން މައްސަލައަކަށް ނުވެއެވެ. ހެއްވާ ކަމަކަށްވެސް ނުވެއެވެ. އިޒްރޭލް އެއޮތީ އިރުމަތީ ގުދުސް ފޭރި އެތަންވެސް ގަދަކަމުން އިޒްރޭލާ އެއްކޮށްލައިފައެވެ. އެކަން ހެއްވާ ކަމަކަށް ނުވެއެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކުރާއިރު އެއީ ކޮންކަހަލަ ކަމެއްތޯ ވިސްނައިލުމެއްވެސް ނެތެވެ.