ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި ބޮޑުތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ގައުމެއް ނެތްނަމަ ގައުމިއްޔަތެއް ނޯންނާނެކަމަށާއި ރާއްޖޭގެ ގައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން ކަމަށެވެ. އެގޮތުން ދިވެހިންގެ އުޅުމާއި ގުޅުމާއި އިސްކުރާ ކަންކަމާއި ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ގައުމިއްޔަތުގެ ތަރުތީބު ކަމަށާއި ބޮޑުތަކުރުފާނު ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީ ދިވެހިންގެ ގައުމިއްޔަތު ދިފާއުކޮށްދެއްވުން ކަމަށެވެ.
ދިވެހިންގެ ގައުމިއްޔަތަކީ ދިވެހިންގެ އަސްލާއި ނަސްލުން ބައެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެބައެއްގެ ތެރޭގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ގައުމިއްޔަތުގެ ބައެއް ކަމަށެވެ.
"އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއް. އާދައާއި ބަހުރުވަ އެކައްޗެއް. އެކަންކަން، އެކަކަށްޖެހޭ ބޮޑު ކަމެއްގައި އަނެކަކު ހިއްސާވި ގައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ، އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހްމާނުންނަށް ކަމޭހިތައި، އިހްތިރާމުކޮށް އޯގާތެރިވުން ކަމަށެވެ. އަދި މެހެމާންދާރީއާއި އޯގާތެރިކަން ނެތްނަމަ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެއަށް ނުވެވުނީސްކަމުގައި ވެސް ވިދާޅުވިއެވެ.
"ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި، އެ ތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް. މި ދެންނެވި ގައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލާމެހިފައިވާ ދުނިޔޭގައި އެހެން އިންސާނުންނާއެކު މުއާމަލާތު ކުރެވި، ސުލްހަމަސަލަސްކަމާއެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭގޮތް ކަމަށެވެ.