ގައުމީ ދުވަސް ފާހަގަކުރަމުން އަންނައިރު ދިވެހިންގެ ގައުމިއްޔަތު ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިގޮތަށް ވިދާޅުވީ، ގައުމީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
"މާތްވެގެންވާ އިސްލާމްދީނާއީ ދިވެހި ބަހާއި، ދިވެހިންގެ ތާރީހާއި، ސަގާފަތާއި އަދި މީނޫން ވެސް ގައުމިއްޔަތުގެ އެންމެހައި މުހިންމު ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަކީ މިފަދަ ދުވަހެއްގައި ކޮންމެހެން ވެސް އަޅުގަނޑުމެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ." ސިޔާމް ވިދާޅުވިއެވެ.
މިޒަމާނުގައި ދުނިޔޭގައި ގައުމުތައް އަޅުވެތިކުރުމަށް ކަނޑިބަޑީގެ ބަދަލުގައި ބާރުގަދަ ގައުމުތަކުން ކުރަމުންގެންދާ އެންމެ ބޮޑު މަސައްކަތަކީ އިގްތިސޯދީ ގޮތުން ގައުމުތައް އަޅުވެތިކުރުމުގެ ކެހިވެރި މަސައްކަތްކަމަށް ސިޔާމް ވިދާޅުވިއެވެ. އެ އޮއިވަރު ރާއްޖެއާއި ހަމަޔަށް ވެސް ފޯރާފައިވާ ކަމަށާއި އެފަދަ ނުރައްކާތެރި ވަކިތަކުން ސަލާމަތްވެ ތިބުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ކުރީ ސަފަށް ނުކުތުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބަޔަކަށް ދިވެހިން ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕޯޗުގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި 15 އަހަރާއި ހަ މަސް ދުވަސް ތިބުމަށްފަހު މިނިވަންކަން ލިބުނުއިރު ރާއްޖެ ވަނީ ވަރަށް ނިކަމެތި ދަތި ހާލަތެއްގައިކަމަށް ސިޔާމް ވިދާޅުވިއެވެ. ދިވެހިންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވައި އިސްލާމީ ވަހުދަތު ގާއިމު ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވީ ލާމަސީލު މަސައްކަތްތަކެއްކަން ސިޔާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސިޔާމް ވިދާޅުވީ އެ ދުވަހު ބޮޑު ތަކުރުފާނުގެ ބައިވެރިން އެ މަސައްކަތް ނުކުރެއްވިނަމަ ރާއްޖޭގެ ހާލަތު އޮންނާނެ ގޮތް ތަސައްވަރުކޮށްލަން ވެސް ދަތި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު