އިންގްލެންޑް ގައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، އޭގެ މާނައަކީ އެހާ ދުވަސްވަންދެން ކޯޗުކަމުގައި ހުރެވޭނެ ކަމުގެ ޔަގީންކަމެއް ނޫން ކަމަށާއި ވޯލްޑް ކަޕްގެ ނަތީޖާއަށް ބަލައި "ޖަޖް" ކުރެވިދާނެ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
ގަތަރުގައި ނޮވެމްބަރުގައި ފަށަން ތައްޔާރުވެފައިވާ ވޯލްޑް ކަޕް ހޯދުމަށް މަސައްކަތް ކުރަމުންދާ އިންގްލެންޑް މިވަގުތު އޮތީ ދަށް ފޯމެއްގައެވެ. އެންމެފަހުން ހުކުރު ދުވަހުގެ ރޭ ކުޅުނު ނޭޝަންސް ލީގު މެޗުގައި އިޓަލީ އަތުން ބަލިވެ، އެ ލީގުގެ ދެވަނަ ޑިވިޝަނަށްވެސް އިންގްލެންޑް ވަނީ ރެލިގޭޓް ވެފައެވެ. އެންމެފަހުން ކުޅުނު ފަސް މެޗުންވެސް މޮޅެއް ނުހޯދި އޮތް އިރު، އެއީ 2014 ވަނަ އަހަރަށްފަހު ޓީމަށް ކުރިމަތިވި އެންމެ ދަށް ފޯމެވެ.
"އަހަންނަކީ މޮޔައެއް ނޫން. އަހަންނަށް އެނގޭ ވޯލްޑް ކަޕްގެ ނަތީޖާއަށް ބަލައި އަހަންނަށް ޖަޖް ކުރާނެކަން. އެއްބަސްވުމުގެ މުއްދަތަކީ ފުޓުބޯޅަ ކޯޗުންނަށް އޮންނަ ސަލާމަތީ ކާޑެއް ނޫން. އެއްބަސްވުމުގައި ހަތަރެއް ނޫނީ ތިން އަހަރު ބާކީ އޮތް ނަމަވެސް ނަތީޖާތަކަށް ބަލައި ނަގަން ޖެހޭ ޑެސިޝަނެއް އެސޯސިއޭޝަނުން ނަގާނެ،" އުމުރުން 52 އަހަރުގެ ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑާ އެކު ސައުތުގޭޓް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ގޮސް ތާރީހުވެސް ލިޔެލައިފައެވެ. އަދި މިދިޔަ އަހަރު އޮތް ޔޫރޯ 2021ގެ ފައިނަލުގައިވެސް އިންގްލެންޑް ވާދަކުރި އިރު، އެއީވެސް އެގައުމުގެ ތާރީހުގައި ފުރަތަމަ ޔޫރޯ ފައިނަލެވެ. ތާރީހީ ނަތީޖާތަކެއް އިންގްލެންޑުން ސައުތުގޭޓްގެ ކޯޗުކަމުގައި ހޯދި ނަމަވެސް، މިވަގުތު އޮތީ ސަޕޯޓަރުން މާޔޫސްވާ ހާލަތެއްގައެވެ.
މިދިޔަ ފަސް މެޗުގައިވެސް އިންގްލެންޑަށް "އޯޕަން ޕްލޭ"އެއްގައި ގޯލެއް ޖެހިފައެއް ނުވެއެވެ. އިންގްލެންޑުން މިދިޔަ ފަސް މެޗުގައި ޖެހި ހަމައެކަނި ގޯލަކީ ޖަރުމަނު ކޮޅަށް ހެރީ ކޭން ޖެހި ޕެނަލްޓީއެކެވެ.
"ޓީމުގެ ރޫހު ދަށްވާނެ ނަތީޖާ ނުނެރެވެންޏާ. އެހެންވެސް މިހާރުވެސް އޮތީ މޫޑް ބަދަލުވެފައި. އަހަރެން ރިއަލިސްޓިކް ކޮށް ބުނަންޏާ ގަތަރު ވޯލްޑް ކަޕުގައި ނަތީޖާ ނެރެން މަޖުބޫރުވާނެ. އެ ނަތީޖާއަށް އަހަންނާމެދު ގޮތް ނިންމުން އެއީ އެންމެ ގޯސް ގޮތެއްވެސް ނޫން. އެއީ ތާރީހު، އެ އަށް ބިނާކޮށް އެފްއޭއިންވެސް ގޮތެއް ނުނިންމާނެ. ގޮތް ނިންމާނީ އޭރަކު ނެރޭ ނަތީޖާއިން،" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓަށް އޮތީ ބޮޑު ޗެލެންޖެކެވެ. މިހާރުވެސް ސައުތުގޭޓް ކޯޗުކަމުން ވަކިކުރަން އިންގްލެންޑްގެ ސަޕޯޓަރުން ގޮވަމުންދާ އިރު، އޭނާގެ ނަޒަރުގައި ވޯލްޑް ކަޕަކީ ޗެލެންޖެއް ނަމަވެސް، އެ ޗެލެންޖުން ބަލައިގަންނަން ތައްޔާރެވެ. އިންގްލެންޑުން ނޭޝަންސް ލީގުގެ ފަހު މެޗުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނާނެއެވެ. އެއީ ވޯލްޑް ކަޕްގެ ކުރިން ގައުމީ ޓީމުން ކުޅޭނެ އެންމެ ފަހު މެޗުވެސް މެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022