ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް އޮތް މާއްދާއަށް ގެންނަ އިސްލާހުގައި ހިމަނާފައިވާ ގައުމީ ސަލާމަތަށް ނުރައްކާވާ ލަފްޒު އުނިކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާބެހޭ ގާނޫނުގައި ލާޒިމްކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ، އެކަންކަމަށް ހައްލެއް ހޯދުމަށްޓަކައި، އެ ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށް ކަނޑައެޅުމެވެ.
އަދި ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުމަށާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުންވެސް ހިމެނެއެވެ.
އެ އިސްލާހާ ގުޅިގެން އެމްޖޭއޭއިން މިއަދު އެޓާނީ ޖެނެރަލް އިބްރާހީމް ރިފުއަތު ފޮނުވި ސިޓީއެއްގައި ބުނީ، ހެއްކާ ބެހޭ ގާނޫނުގެ 138 ވަނަ މާއްދާ އިސްލާހު ކުރަން މަޖިލީހަށް ފޮނުވުމަށް އޭޖީ އޮފީހުން މިހާރު އެކުލަވާލާފައިވާ ޑްރާފްޓްގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އޭގެ ތެރެއިން ގިނަ ކަންކަމަށް ހައްލު ލިބޭ ގޮތަށް ބިލް އެކުލަވާލާފައިވާ ކަމަށެވެ.
ހެއްކާ ބެހޭ ބިލު އިސްލާހުކުރަން އޭޖީ އޮފީހުން ނިންމި ނަމަވެސް އެ އިސްލާހުތަކުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެގޮތުން އިސްލާހުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ބަޔާންކޮށްފައިވާ ގޮތާ މެދު ކަންބޮޑުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
"138 ވަނަ މާއްދާގައި ގައުމީ ސަލާމަތް މަނާކޮށްފައި އޮތް ގޮތާ މެދު މި ޖަމިއްޔާއިން ކަންބޮޑުވޭ. މި ޖަމިއްޔާއިން އަބަދުވެސް ވަކާލާތުކުރީ އެ ބިލުން ގައުމީ ސަލާމަތުގެ ލަފްޒު އުނިކުރުމަށް. ސަބަބަކަށް ވަނީ ސީދާ ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތަތީ އެއީ ވަރަށް ފުޅާ މާނައެއް އޮންނަ ލަފުޒަކަށްވެފައި އެ ލަފްޒުގެ މާނަ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުން،" އެމްޖޭއޭއިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ އެ ޖަމިއްޔާއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަކާލާތުކުރީ މަސްދަރު ހާމަކުރަން ޖެހޭނީ "އިމިނެންޓް ތްރެޓެއް" އޮންނަ ހާލަތްތަކުގައި އެކަނި ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށްތަކުގައި މަސްދަރު ހާމަކުރަން ލާޒިމް ކުރެވޭނެ ގޮތަށް އޮތުމުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ހާލަތްތައް އޭގެ ތެރޭގައި ޝާމިލުވާ ކަމަށެވެ. އެހެންކަމުން ގައުމީ ސަލާމަތުގެ ލަފްޒު ބޭނުން ނުކުރި ނަމަވެސް އެ ހާލަތުގައި އޭގެ މަގުސަދު ހާސިލުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
"ގައުމީ ސަލާމަތް" ހިމަނައިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ދެކޮޅު ކަމަށް އެމްޖޭއޭއިން ބުންޏެވެ.
އެމްޖޭއޭއިން ވަނީ އެ ޖަމިއްޔާއިން ދެކޭ ގޮތްވެސް އޭޖީއަށް ހުށަހަޅައިފައެވެ. އެގޮތުން އެމްޖޭއޭއިން ހުށަހެޅީ "ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްކުށާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތަކާއި އެހެން ގާނޫނުތަކުގައި ވެސް ކަނޑައަޅާފައިވާ، މި ބާވަތުގެ ޖިނާއީ ކުށްތައް ހިމެނެއެވެ" އެގޮތަށް އިސްލާހު ބަދަލު ކުރުމަށެވެ.
މީގެ އިތުރުން ސަރުކާރުން ހެއްކާ ބެހޭ ގެންނަ ހުށަހަޅާ އިސްލާހުގައިވާ ގޮތުން މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށް މަޖުބޫރުވާ ކަމަށް އެމްޖެއޭއިން ބުންޏެވެ.
ނަމަވެސް މަސްދަރު ހާމަކުރުމަށް ހައި ކޯޓުގައި އެދެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެކަނި ކަމަށް ބުނެފައިވުމާއި ޓެރަރިޒަމްގެ ގާނޫނު ހަވާލާދީފައިވުމުގެ އިތުރުން އަމުރު ނެރުމުގައި ފަނޑިޔާރުން ރިއާޔަތް ކުރަން ޖެހޭ ކަންކަން އިސްލާހުކޮށްފައިވުމަކީ ރަނގަޅު ބަދަލެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މަސްދަރު ހާމަކުރަން ޖެހޭގޮތަށް ހެއްކާބެހޭ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް އެ ބިލް ތަސްދީގުކުރައްވާފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެއެވެ.