އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ، ޏ. ފުވައްމުލަކު/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި ދިފާއީ ވަކީލުން އެދިގެން މިއަދުގެ އަޑުއެހުންވެސް ސިއްރުކުރަން އެ މައްސަލަ ބައްލަވާ ކްރިމިނަކް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމަވައިފިއެވެ.
ދައުލަތުން އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއާތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފައެވެ. ނަމަވެސް ހައިކޯޓުގައި ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އަމީން ބަންދުން ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށް އަމުރުކުރިއެވެ. އަދި ފަހުން ހައިކޯޓުގެ އެ ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކުރިއެވެ.
ކްރިމިނަލް ކޯޓުން ބުނީ، އެ މައްސަލައިގައި ކުރިއަށް އޮތް އަޑުއެހުން ދިފާއީ ވަކީލުން އެދިގެން ސިއްރުކުރީ ހައްސާސް ވާހަކަތަކެއް ދައްކަން އޮތް ކަމަށް ބުނުމުން ކަމަށެވެ.
އަމީންގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގެ ގޮތުގައި އެ ދުވަހުގެ އަޑުއެހުން އޮތް ނަމަވެސް ދިފާއީ ވަކީލުން އެދިގެން އެ ދުވަހުގެ އަޑުއެހުންވެސް ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ.
އަމީންގެ އަޑުއެހުމެއް ހުޅުވާލައިގެން އެންމެ ފަހުން ބޭއްވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.
އެ ދުވަހުގެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ އަމީންގެ މައްސަލަ ނުނިމި ދިގުލައިގެންދާތީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދައުލަތަށާއި ދިފާއަށް ރައްދުކޮށްފައެވެ. އެ ތާވަލުގައިވާ ގޮތުން އޮކްޓޯބަރު 11 ވަނަ ދުވަހު ދެ ފަރާތުން ހުލާސާ ބަޔާން އިއްވާ އަޑުއެހުން ބާއްވާއިރު، ހުލާސާ ބަޔާން އިއްވައި ނިމުމުން 30 ދުވަހުގެ ތެރޭގައި ހުކުމްކުރަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު