އަތުގައި ފިސްތޯލައެއް އޮވެދާނެތީ ރަނގަޅަށް ފާސްކުރަން ބުނި ހދ. ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ހަނިމާދޫ ކައުންސިލް މެމްބަރު ފިރާގު މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން ހައްޔަރުކުރި މުވައްޒަފަކީ ވަރަށް ސަކަ މިޒާޖެއްގެ މުވައްޒަފެއް ކަމަށާއި އޭނާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް ބުނީ މަޖަލަކަށް ކަމަށެވެ.

"ފްލައިޓް ލޭންޑުކުރާ ވަގުތަށްދާ މުވައްޒަފުން ޗެކުކުރި އިރު، އެ މުވައްޒަފު ވަރަށް މަޖާވެލާފަ މިބުނީ ތިމަންނަ ރަނގަޅަށް ޗެކު ކުރާށޭ. ފިސްތޯލައެއްވެސް އޮވެދާނެޔޭ. މިހެން ބުނީ މަޖަލަކަށް. އެކަމަކު ޕްރޮޓޮކޯލް އިންނަ ގޮތުން ހައްޔަރުކުރަން ޖެހޭނެ. އެހެންވެ އޭނަ ހައްޔަރުކުރީ،" ފިރާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަންނަވާތީ އެއާޕޯޓުގެ ސެކިއުރިޓި ވަރުގަދަކޮށްފައި އޮތް ވަގުތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަނިމާދޫ އަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން އެކަން ވެފައި އޮތް ގޮތް ބެލުމަށްފަހު މައުލޫމާތު ދޭނެ ކަމަށް ވިދާޅުވި ނަމަވެސް ފަހުން ޖާވަބެއް ދެއްވާފައެއް ނުވެއެވެ.