މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށާއި، މާލޭގައި އުޅޭ މީހުންނަށް މާލެ ސަރަހައްދުން ފްލެޓް ދިނުމަށް، ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ހުޅުވާލާފައިވާއިރު، ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައި ބެލުމަށް ހިމަނާފައިވާ މިންގަނޑާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިކަމާބެހޭގޮތުން "ވަން" އޮންލައިނަށް މައުލޫމާތު ދެއްވަމުން، ހައި ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވިދާޅުވީ ކޯޓަށް އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ތާވަލް ކުރާނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، ގޯއްޗާއި ފްލެޓް ދިނުމުގައި ހިމެނޭ ޝަރުތު ތަކުގެ ތެރޭގައި މާލޭ ރައްޔިތުން، މާނަ ކޮށްފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން، ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެ މާއްދާ ބާތިލު ކުރުމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. އެހެންކަމުން މި މައްސަލަ ބައްލަވާނީ، ހައިކޯޓުގެ ފަސް ފަނޑީޔާރުންގެ ބެންޗަކުންނެވެ.

އެމައްސަލަ ކޯޓަށް ބަލައގެންފައިވާތީ، ދެން އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ އެ މައްސަލަ ބަލާނެ ބެންޗެއް އެކުލަވައިލުމެވެ. މައްސަލަ ކުރިއަށްގެންދާނީ އެއަށްފަހުގައެވެ.