މިހާރު މިއޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން، 99 ޕަސެންޓް ފުއްދާފައިވާކަމަށް، ވެރިކަން ހިންގާ ކޯލީޝަގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، މި ސަރުކާރުގެ މަސްވެރިކަމުގެ ވައުދުތަކާއި، މުޅި ސަރުކާރުުގެ ވައުދުތައް ފުއްދިފައިވާ މިންވަރާ ބެހޭގޮތުން، ތިމަރަފުށީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަބުދުﷲ ރިޔާޒު، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، ޑރ. ހުސެއިން ރަޝީދު ހަސަންއާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބާ ގުޅިގެން މަޖިލިސް ތެރޭގައި އުފެދުނު އަޑުގަދަކުރުންތަކުގެ ތެރެއިންނެވެ.
މެންބަރު ރިޔާޒު މިނިސްޓާ ކުރެއްވި ދެ ސުވާލުގެ ތެރެއިން އެއްސުވާލުގައި ވިދާޅުވީ، ރައީސް ސޯލިހު މަސްވެރިންނަށް ވެވަޑައިގެނެވި ވައުދުތަކުގެ ތެެރެއިން ކިތައް ޕަސެންޓް ވައުދު ފުއްދިފައިވޭތޯއެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިއަދު މަޖިލީހަށް ވަޑައިގެންނެވީ، މަސްވެރިކަމުގެ ޕޮލިސީތައް ތަންފީޒު ކުރެވުނު ޕަސެންޓޭޖު ކަލްކިއުލޭޓް ކުރައްވައިގެންނުން ކަމަށެވެ. މަޖިލީހުގައި ހަގީގަތާ ހިލާފްު ވާހަކަ ދެއްކުމަކީ، ސުވާލު ކުރެވޭނެކަމެއްކަމަށްވާތީ، އެ މައުލުމާތު ނެތި މަޖިލީހަށް ޖަވާބުދާރީ ވުމަކީ، ކުރެވޭނެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަމާބެހޭ އިވެލުއޭޝަނެއް ހަދައިފައި އޭގެ ނަތީޖާ މަޖިލިސް ކޮމިޓީއަކަށް ގެންނަން މަޖިލީހުން އަންގާފައިވާތީ، އެކަން ކުރާއިރު އެކަމުގެ ނަތީޖާ އެނގިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި، މެންބަރު ރިޔާޒު ވިދާޅުވީ، އޭނާ ސުވާލު ކުރެއްވީ ޕޮލިސީތަކާބެހޭގޮތުން ނޫން ކަމަށާއި، ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ފުއްދުނު ވައުދުތަކުގެ ޕަސެންޓް ހޯއްދެވުމަށްކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވުމަށް، މިނިސްޓަރަށް ފުރުސަތު ދެއްވަމުން، މަޖިލިސް ރައީސްވެސް އެ ސުވާލު އިތުރަށް އޮޅުންފިލުއްވައިދެއްވިއެވެ. ވިދާޅުވީ މެންބަރު ރިޔާޒު ވިދާޅުވަނީ، ސަރުކާރުގެ ވައުދުތަކުގެ ޕަސެންޓޭޖުގެ ވާހަކަކަމަށެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ "އެނގިވަޑައިގަންނަވާނެ އަޅުގަޑަކީ ހަމައެކި މަސްވެރިކަމާއި ދަނޑުވެރިކަމާއި މެރިންރިސޯސްއާބެހޭ ކަންތައްތައް ބެލެހެއްޓުމަށް، ކަނޑައަޅާފައިހުންނަ ވަޒީރެއް، އެހެންވީމަ މުޅި ސަރުކާރުން ރައީސް ވެވަޑައިގެންނެވި ކިތައް ޕަސެންޓް ވައުދުކަން ފުއްދެވީ ބުނާކަށް އަޅުގަނޑަކަށް ނޭނގޭނެ،" ކަމަށެވެ.
މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާމެދު، ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، މަޖިލިސް ތަޅުމުގައި އަޑޫގަދަވެގެންދިޔައެވެ.
އެވަގުތުގައި ނިޒާމީ މައްސަލަ ނައްގަވައިގެން ވާހަކަ ދައްކަވަމުން، މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، "އަޅުގަނޑު ޔަގީންކުރަން މި ސަރުކާރުން ވީ ހުރިހާ ވައުދުތަކެއްގެ 99 ޕަސެންޓް މިހާރު ވަނީ ނިންމަވައިފަ އިނގޭތޯ،" ކަމަށެވެ.
އޭގެ ފަހުން މިނިސްޓަރާ ސުވާލު ކުރައްވަމުންވެސް ގާސިމް އެކަމާބެހޭގޮތުން ވާހަކަދެއްކެވިއެވެ.
ގާސިމް ފުރަތަމަވެސް ސުވާލު ކުރެއްވީ، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އެއްވެސް ސަރުކާރަކުން، މަސްވެރިކަމާބެހޭގޮތުން ވެފައިވާ ވައުދުތައް ފުއްދާފައިވޭތޯއެވެ. އަދި "މިސަރުކާރުން ވެފައިވާ ވައުދުތަކުގެ 99 ޕަސެންޓް ނިންމައިފިއްޔޭ އަޅުގަނޑު ދެންނެވީ، މިއަދުގެ ސަރުކާރުން މިވަނީ ގޭދޮށު މަސް ފެކްޓްރީ ހަދަން ގާނޫނު ހަދައި ހުއްދަ ދީފަ، ފައިސާ ލިބޭމިންވަރަކުން ކަންތައް ކުރެވޭނީ، ކޮންމެ ސަރުކާރަކުންވެސް މަސްވެރިކަމުގެ ދާއިރާއަށް އިހުމާލުވެފަވަނީ، ނަމަވެސް 2008 ވަނަ އަހަރުގެ ކުރިން ރައީސް މައުމޫނުގެ ސަރުކާރުގައި ޕްރައިވެޓައިޒޭޝަނާ ދިމާލަށްދާން ވަރަށް މަސައްކަތްތަކެއް ކުރި،" ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެކަން އެެހެން ވަނީ ކަޅުބިލަމަހުގެ މަސްވެރިކަމުން ބޮޑު ގެއްލުމެއް ލިބެމުންދާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު