ހުޅުމާލޭ ފޭސް ދޭކުން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްހާން ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާތީ މިއަދު އާންމުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އަދި އާންމު ރައްޔިތެއްގެ ފަރާތުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށް ފެންނަން ހުރި ފުޓޭޖުތަކުގެ އަލީގައި ފުލުހުން ބުންޏެވެ.
"އަދި އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ އިރު، އެންމެ ފަހުން އަޒުހާން ފެނިފައިވާ ސަރަހައްދުވެސް ވަނީ ދެނެގަނެވިފަ. އެގޮތުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދު،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މީގެ އިތުރުން އަޒްހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަން ވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.
އަޒްހާން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ.
އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު