ޅ. ތިލަމާފުށީގައި ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ގަވާއިދާ ހިލާފަށް ކުރުމާ ގުޅިގެން ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފިއެވެ.
ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑަކީ ޗައިނާ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓު ވެންޗާ ކުންފުންޏެކެވެ. މި ކުންފުނީގެ ޝެއާ ހޯލްޑަރުންނަކީ ސީޓީ އެޓް މޯލްޑިވްސް އާއި ޖެރޯމް އެންޖީ ޔޮންގް ދީ އެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ ޖެރޯމް އާއި އިބްރާހިމް ކަލީމް އާއި ކެންޔޫ އެންގް އަދި ޖެނެތަން ބީ ބީ ކިޔާ މީހެކެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިމަހުގެ 23 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އެޖެންސީގެ ހުއްދަނެތި، ތިލަމާފުށީގައި ރިސޯޓު ތަރައްގީ ކުރުމުގެ ބައެއް މަސައްކަތްތައް ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ކުށްވެރިވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
މިއީ ސީޓީ އެޓް ތިލަމާފުށި ޕްރައިވެޓް ލިމިޓެޑް ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށްވުމުން އެ ކުންފުނި 20،000 ރުފިޔާއިން މިމަހުގެ 20 ވަނަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށާއި މި ފައިސާ އެކުންފުނިން މިމަހުގެ 21 ވަނަ ދުވަހު އެ އެޖެންސީއަށް ދައްކާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އޭގެ އިތުރުން ތިލަމާފުށީގައި ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކާއި ރަށުގެ ތިމާވެށީގެ މިހާރުގެ ހާލަތު، އީ.އައި.އޭ ކޮންސަލްޓަންޓް އެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު ރިޕޯޓެއް ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަސް ތެރޭގައި އެ އޭޖެންސީއަށް ހުށަހެޅުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށްވެސް އީޕީއޭއިން ބުންޏެވެ. ތިލަމާފުށީގައި ރިސޯޓު ތަރައްގީ ކުރުމަށްޓަކައި މިހާރު ކޮށްފައިވާ މަސައްކަތްތައް އީ.އައި.އޭ މޮނީޓަރިން ޕްލޭންގައި ހިމަނައި އަދި އިސްލާހުކޮށް، އާ މޮނީޓަރިން ޕްލޭން ހުށަހަޅާނެ ކަމުގެ ލިޔުމެއް ހަތް ދުވަހުގެ ތެރޭގައި އީޕީއޭއަށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ.
ތިލަމާފުށީގައި ރިސޯޓު ހުޅުވާފައިވަނީ ލެ މެރީޑިއެން މޯލްޑިވްސް ރިސޯޓުގެ ނަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު