ޚަބަރު

އެމްއެންޕީގެ ސަރުކާރެއްގައި ފަނޑިޔާރުންނަކީ ސިޔާސީ މީހުން ދެކެ ބިރުނުގަންނަ ބަޔަކަށް ހަދާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ޖުޑީޝަރީ މިނިވަންކޮށް ފަނޑިޔާރުންނަށް އިތުބާރު ހޯއްދަވައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފުރަތަމަ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ފެންނަނީ ސިޔާސީވެފައި އޮތް ތަނެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އެ ކޮމިޝަން އުފެދިފައިވާ ގޮތް ބަދަލުކުރުމަކީ އެމްއެންޕީންވެސް ވަކާލާތު ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެ ބަދަލު ޖޭއެސްސީއަށް ގެންނަން ބޭނުންވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ނޫން ކަމަށާއި ބޭނުންވަނީ ފަނޑިޔާރުންނަކީ މިނިވަންކަމާއެކު އެބޭފުޅުންނަށް ލިބިފައިވާ ތަޖުރިބާއާއެކު އިންސާފު ގާއިމުކުރުވުން ކަމަށް ވިދާޅުވިއެވެ.

"މިހާރު ފަނޑިޔާރުން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި. މާދަމާތޯ ޖޭއެސްސީ ތިމަންނާ ވަކިކުރާނީ. އަޅުގަނޑުމެންނަށް ފެނުނީ މިދިޔަ ހަތަރު ވަރަކަށް އަހަރުތެރޭގައި ޖޭއެސްސީން ކުރީގެ ތިބި ހުރިހާ ފަނޑިޔާރުން މަގުމައްޗަށް. އާ ފަނޑިޔާރުން ތިބީ. އަނެއްކާވެސް އަނެއް ވެރިއަކު ވަޑައިގެން އެހެން ހަދަންވީ. އެޔެއް ނޫން ދެއްތޯ މިއީ ހަދަންވީ ގޮތަކީ," ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ޖުޑީޝަރީ މިނިވަންކޮށް ފަނޑިޔާރުންނަށް އިތުބާރު ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ފަނޑިޔާރުންނަކީ ސިޔާސީ މީހުން ދެކެ ބިރު ނުގަންނަ, އެބޭފުޅުންނަށް ލިބިފައިވާ އިލްމަކާއެކު ގާނޫނުއަސާސީއާ އެއްގޮތަށް ހުކުމް ކުރެވޭނެ ބަޔަކަށް ހަދާނެ ކަމަށް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ, ރާއްޖޭގައި މައްސަލައަކީ ފަނޑިޔާރުން ނޫން ކަމަށާއި ނެތީ އެ މީހުންނަށް ބޭނުންވާނެ ވަސީލަތްތައް ކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި އެކަން ކަށަވަރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.