"މާކަނާޝޯ" ޔާމީން ރަޝީދޭ ބުނީމާ އެއީ ނުދަންނަ ނަމަކަށް ނުވާނެއެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދައި މުނިފޫހިފިލުވުމުގެ ދާއިރާގެ ގާތް އެކުވެެރިޔަކަށް ވެފައިވާ މާކަނާޝޯއިން ދިވެހިންގެ ތެރެއަށް މަޝްހޫރު ވެގެން ދިޔަ ކަމުގައި ވިޔަސް ޔާމީނަކީ މިފަދަ މަސައްކަތްތަކުގައި މާކުރީއްސުރެ އުޅެމުން އައިސްފައިވާ މީހެކެވެ. މުޅި އުމުރުގައިވެސް ދެފަހަރެއްގައި ނޫނީ މީހެއްގެ ވަޒީފާއެއް އަދައެއް ނުކުރެއެވެ. ފުރަތަމަ ސުކޫލު ނިންމާފައި ރިލެކްސްއިންގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާކުރުމަށްފަހު ދެން ޔާމީން އަދާކުރީ ޓީވީއެމްގެ ޕްރޮޑިއުސަރެއްގެ ވަޒީފާއެވެ. އެއީ ޔާމީންގެ ވަރަށް ޅައުމުރުގައި ކުޑަ ދުވަސްކޮޅަކަށް އަދާކުރި ވަޒީފާތަކެކެވެ. އޭގެ ފަހުން އޭނާގެ ކުންފުނި، "ސެލްމިން އެނިމޭޝަން ސްޓޫޑިއޯ" އުފެއްދި ފަހުން މިއަދާއި ހަމަޔަށްވެސް އެސްޓޫޑިއޯގެ ސީއީއޯއަކީ ޔާމީނެވެ.

ޔާމީންގެ ސްޓޫޑިޔޯއިން ތަފާތު އުފެއްދުންތައް، އިޝްތިހާރުތައް ނެރެމުން އަންނައިރު އޭނާގެ މިސްރާބު ހުރީ ހަމައެކަނި ދެފިލްމެއް ހުށަހަޅާފައި ނިންމާ ގޮތަކަށް ނޫނެެވެ. މިކަން ހާމަވަނީ ޔާމީންގެ ކުރު ފިލްމުތައް ރާއްޖެއިން ބޭރުގެ ފެސްޓިވަލްތަކުން ފެނުމުންނެވެ.

(ސްފާފް, SFAAF) "ސައުތު ފިލްމްސް އެންޑް އާޓްސް އެކެޑަމީ"އަކީ ކޮންމެ މަހަކު ޕްރެޒެންޓޭޝަން ބާއްވާ ފިލްމީ ފެސްޓިވަލްގެ އިތުރުން އޮންލައިންކޮށް ބަލާ ސައިޓެކެވެ. ހަމައެއާއެކު މިސައިޓަކީ ސިނަމާ، މިޔުޒިކް ވީޑިއޯ، ވެބް ސީރީޒް، ތިއޭޓަރ، މިޔުޒިކް، އިޝްތިހާރު، ފޮޓޯގްރަފީ ފަދަ ކަންކަން ހިމެނޭ އާޓް ފެސްޓިވަލެކެވެ. ލައިވް ސްކްރީނިން އާއެކު މަހުންމަހަށް ބާއްވާ މިފިލްމު ފެސްޓިވަލްގައި ކޮންމެ މަހަކުވެސް "ފިލްމު އޮފް ދަ މަންތުގެ އެވޯޑް"، (ކޮންމެ މަހަކުވެސް އެމަހެއްގެ އެންމެ މޮޅު ފިލްމު،) ކޮންމެ ކެޓެގަރީއަކުންވެސް ހޮވައި އެވޯޑު ދެއެވެ.

މިސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އިއުލާން ކުރި ސްފާފްގެ އެންމެ މޮޅު އެނިމޭޝަން ކުރު ފިލްމުގެ މަގާމު ހާސިލުކޮށް އެވޯޑު ލިބިފައިވަނީ ޔާމީން ރަޝީދު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ ފިލްމު "އޯލް ބަޓް ހާމަނީ"އެވެ.

ގަލޮޅު ސުތުލިގެ ސަމީރާ މުހައްމަދާއި މުހައްމަދު ރަޝީދުގެ ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޔާމީން ރަޝީދަކީ ޑިޖިޓަލް އެނިމޭޝަންގެ ފައުންޑޭޝަން ނިންމާފައިވާ، ދިވެހިންގެ ހިތްތަކުން ޖާގަ ހޯދަމުން އަންނަ ޒުވާނެކެވެ. ދިވެހިންގެ މުނިފޫހިފިލުވުމަށް ނުހަނު ހާއްސަ ބޮޅެއް އިތުރުކޮށްދިން ޔާމީނަކީ އޭނާގެ އުމުރުން އެންމެ ސާދަ އަހަރުގައި މިފަދަ ކަންތައްތަކަށް ޝައުގު އުފެދި ސުކޫލު ފޮތްތަކުގައި ޑޫޑްލް ކުރަން (ކުރަހަން) ފަށައިގެން މިދާއިރާއަށް ނުކުތް ޒުވާނެކެވެ.

އޭގެ ފަހުން އުމުރުން 16 އަހަރުގައި ޔާމީންގެ އެންމެ ފުރަތަމަ ވަޒީފާއަކީ ރިލެކްސް އިންގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. އެއަށްފަހު، އުމުރުން ސަތާރަ އަހަރުގައި، ޓީވީއެމްގެ ޕްރޮޑިއުސަރެއްގެ ވަޒީފާގައި ހުރެ 1999ވަނަ އަހަރު ޓެލެވިޝަން މޯލްޑިވްސް އަށް އެނިމޭޓެޑް ކާޓޫނެއްގެ މަސައްކަތް ކުރުމަކީ މިދާއިރާގައި ޔާމީންގެ ފުރަތަމަ މަސައްކަތެވެ. މިއީ ރާއްޖޭގެ އެނިމޭޝަން އުފެއްދުންތަކުގެ ފެށުމެވެ.

އެހިސާބުން ފެށިގެން އެނިމޭޝަންގެ ދުނިޔޭގައި މަސައްކަތް ކުރުމަށް ޔާމީންގެ އަމިއްލަ ސްޓޫޑިޔޯ އުފެއްދިއެވެ. އެއީ އެނިމޭޝަނަށް ރާއްޖެ ހޭލުންތެރި ދުވަސްވަރެއް ނޫނެވެ. އެހެންކަމުން ޔާމީނަށް ދިމާވި ގޮންޖެހުންތައް ގިނައެވެ. ފަންޑު ލިބުމަށާއި އޮޕްރޮޖެކްޓްތައް ހޯދުމަށް ނުހަނު ދަތިވިއެވެ. ނަމަވެސް ޔާމީން ހިތްވަރު ކުރިއެވެ. މަޑުމަޑުން ކާމިޔާބީތަކާ ހަމައަށް ދަތުރު ކުރަން ފެށިއެވެ.

މާކަނާ ޝޯއަކީ ޔާމީން ކިޔަވާ ނިމުމަށްފަހު އެނބުރި މާލެ އައިސް އުފެއްދި ޓޯކްޝޯއެކެވެ. ލިބޭ ބައެއް ވަގުތުތަކުގައި މިދާއިރާއިން ކުދިންނަށް، ލެކްޗަރާއެއްގެ ގޮތުން އުނގަންނައިދެމުން އައިސް، ނޭޝަނަލް ސެންޓަ ފޮ އާޓްސްގެ އެނިމޭޝަން ލެކްޗަރާއެއްގެ ގޮތުގައިވެސް ޔާމީންވަނީ ދަރިވަރުން ތަމްރީނުކޮށްފައެވެ. މިހާރު ޔާމީންގެ އެނިމޭޝަން މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ހައިކަލްއަކީ އޭނާގެ ފުރަތަމަ ދަރިވަރުވެސްމެއެވެ. ކުރީގައި ޔާމީން އެނިމޭޝަން މަސައްކަތް ކުރިނަމަވެސް މިހާރު އޭނާއަކީ ލިޔުމުގެ މަސައްކަތް ކުރަމުން އެނިމޭޝަން މަސައްކަތް ކުރުމަށް މުވައްޒަފުން ގެންގުޅޭ ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެއްވެސް މެއެވެ.

ބާރަ އަހަރުގެ އަންހެން ދަރިފުޅާއި އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުން އަންނަ ޔާމީނަށް 2015 ގައި ވަނީ ގައުމީ އެވޯޑު ލިބިފައެވެ. ރާއްޖޭގެ ފުރަތަމަ އެނިމޭޝަން މަސައްކަތަށް އަދި އެހެންވެސް އެތައް މަސައްކަތްތަކަށް ދީފައިވާ މި އެވޯޑުން ކާމިޔާބާ ހަމައަށް ދިއުމަށް އޭނާ ކުރަމުން އަންނަ މިންނެތް މަސައްކަތް ހާމަވެގެންދެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު "ވޯލްޑްފިލްމް ކާނިވަލް ސިންގަޕޯރ-2022"ގެ 'ކްރިޓިކްސް ޗޮއިސް އެވޯޑް' ޔާމީން ޑައިރެކްޓްކޮށްފައިވާ ފިލްމު 'ޕެރަގަންސް އޮފް ބުލެވާޑް' (Paragons of Boulevard)އަށް ވަނީ ލިބިފައިވެއެވެ. ހަމަ އެހެންމެ 50 ފެސްޓިވަލަކަށް ޔާމީން ވަނީ އޭނާގެ ސްފާފް އެވޯޑު ލިބުނު ފިލްމު ހުށަހަޅާފައެވެ. މިވަގުތު އަދި ހާމަނުކޮށް އޮތްނަމަވެސް ޑިސެމްބަރު މަހު އެފެސްޓިވަލްތަކުގެ ނަތީޖާ އޭނާގެ ފޭނުންނާއި ލޯބިވާ، ސަޕޯޓް ކުރާ ފަރާތްތަކާ ހިއްސާ ކުރާނެކަމަށްވެސް ޔާމީން ބުންޏެވެ.

މިހާތަނަށް ލިބުނު އެވޯޑުތަކަކީ ޔާމީންގެ ހުވަފެނެއް ކަމަށްވާ އަދި ނުހަނު ބޮޑު އުއްމީދެއްކަމަށްވާ ކާންސް ނުވަތަ ސަންޑޭންސް (Cannes or Sundance)ގެ އެވޯޑާ ހަމައަށް ވާސިލުވުމަށް ހުޅުވޭނެ ދޮރެއްކަމަށް އަދި މިއެވޯޑުތައް އެހިސާބަށް ދިއުމަށް އެހީތެރިވެދޭނެކަމަށް ޔާމީން ގަބޫލުކުރެއެވެ. ހަމައެހެންމެ ޔާމީންގެ އެންމެ ބޮޑު އެއް އެދުން ކަމަށްވާ ބައިނަލްއަގްވާމީ އެރީނާތަކުން އޭނާގެ ނަން ވިދައިގެން، ބޭރުގެ ފަންޑުތައް ލިބުމަށްވެސް އެހީއަކަށް މިއެވޯޑުތައް ވާނެކަމަށް އޭނަ އުއްމީދުކުރެއެވެ. މިހިސާބަށް އައިއިރު އަދި ބޭރުގެ އެއްވެސް އެހީއެއް ނުލިބުނަސް މަޑުމަޑުން ބޭރުގެ ފަރާތްތަކަށް ޔާމީން އަންނަނީ އެނގި ހާމަވަމުންކަމަށްވާތީ މި ވަރުގަދަ ހުވަފެން އަދި ބޮޑު އުއްމީދު ހަގީގަތަކަށްވެދާނެކަމުގެ އުއްމީދު އޭނާއަށް އެބައޮތެވެ.

އޭނާގެ ޑައިރެކްޝަން މީހުންނަށް ކަމުގޮސް ބަލައިގަތުމަކީ ނަސީބުކަމުގައި ޔާމީން ގަބޫލުކުރެއެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އެނިމޭޓެޑް ފީޗާ ފިލްމު، 'ސެލްމިން'ގެ ޕްރޮޑަކްޝަނެއް ކަމަށްވާ، 'ބަގީޗާ'އަކީ ޔާމީނަށް އެންމެ ހަނދާން ނައްތައިނުލެވޭ މަސައްކަތްކަމަށް އޭނަ ބުންޏެވެ.

ޔާމީންގެ ހުރިހާ ކާމިޔާބީއަކަށްވެސް އޭނާއަށް ވާސިލުވެވިފައި ވަނީ ޓީމުގެ ހިތްވަރާއި މިންނެތް މަސައްކަތުން ކަމަށް ޔާމީން ފާހަގަ ކުރިއެވެ. އެންމެ ހާއްސަ ފަރާތްތަކަށް އޭނާގެ ކޯރައިޓާ އަދި ހުރިހާ ކެރެކްޓާތަކުގެ އަޑުތަކުގެ އަސްލު ވެރިފަރާތްކަމަށްވާ ނުހަނު ހުނަރުވެރި 'ވައްޑެ'ގެ ނަން ފާހަގަ ކުރެއެވެ. އިސްމާއިލް ހައިކަލް(ކޯ އެނިމޭޓާ)އަކީވެސް ޔާމީނަށް އެމީހަކާ ނުލައި ކުރިއަށް ނުދެވޭވަރުގެ ހުނަރުވެރި ހާއްސަ މީހެއްކަމަށްވެސް ޔާމީން ބުންޏެވެ. ހަމައެހެންމެ މާކަނާޝޯގެ ހުރިހާ ބައިވެރިން، ޔާމީންގެ ޓީމަކީ އެބަޔަކަށް އޭނާ އަބަދުވެސް ޝުކުރުވެރިވާނެ ބައެއްކަމަށްވެސް ޔާމީން ބުންޏެވެ. ޔާމީން ދެކޭ ގޮތުގައި މިހުރިހާ މީހުންނަކީ އޭނާގެ ހެޔޮނަސީބެވެ.

ޔާމީން އޭނާގެ މުސްތަގުބަލަށްޓަކައި ދެކޭ ހުވަފެންތަކާއި ކުރާ އުއްމީދުތަކުގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް ހިމެނެނީ ބޭރުގެ ސިނަމާތަކަށް އޭނާގެ އުފެއްދުންތައް ޕްރޮޑިއުސްކުރުމެވެ. ހަމައެއާއެކު އޭނާގެ ބޮޑު ޕްރޮޖެކްޓަށް ބޭރު ގައުމުތަކުން ފަންޑުކުރުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ. "ވަން"އިން އެދެނީ ޔާމީންގެ މިއުއްމީދުތަކާއި އޭނާގެ ހުވަފެންތަކަށް ފާގަތި، އަދި ކާމިޔާބު އަލިކަމެއް އަވަސް މުސްތަގުބަލެއްގައި ފެނުމެވެ.