ޚަބަރު

ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތީ ދުރު ރާސްތާ ޕްލޭނެއް ނެތުމުން: ރައީސް

އަލީ ޔާމިން

ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތީ، ދުރު ރާސްތާ ޕްލޭނެއް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތުމަކީ ރާއްޖޭގެ އިގުތިސޯދަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ވިޔަފާރި ބަނދަރު ތަރައްގީ ނުވެ އޮތީ ދުރު ރާސްތާ ޕްލޭނެއް ނެތި، އެވަގުތު ހައްލުކުރަން ޖެހުނު ކަމެއް ހައްލުކުރަން މަސައްކަތް ކުރުމުން ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސިނާއަތުން ރާއްޖެއަށް ބޮޑު މަންފާއެއް ހޯދިދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގައި ފެންވަރު ރަނގަޅު ވިޔަފާރި ބަނދަރެއް އޮތް ނަމަ ރާއްޖެއަށް ލިބޭ އާމްދަނީ ހުންނާނީ މިހާރަށްވުރެ މާމަތީގައި ކަމަށެވެ. އެކަން ރާއްޖެއަށް ބަނދަރުކުރާ ބޯޓުތަކުން ފެންނަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"ދުނިޔޭގެ އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް ކަރަގަނޑުން ދަތުރުކުރި ކޮންމެ ބަނގަލާ ބޯޓަކާއި ކޮންމެ ނާޒޯކެއް، ރާއްޖެއަށް ނަނގިލި ލީ ކޮންމެ ފަހަރަކު ދިވެހިންނަށް އެތައް މަންފާއެއް ލިބުނު. ހަމައެކަނި ވިޔަފާރި މުދަލާއި އަންނައުނާއި ކާޑެއް ނޫން. އުމްރާނީ ފަންނުވެރިކަމާއި އިލްމާއި ސަގާފަތާއި ހަލޯރަތުގެ އިތުރުން ތަހުޒީބާއި ތަމައްދުންގެ ރީތި ސިފަތައްވެސް ދިވެހިންނަށް ލިބިގެންދިޔަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑު ކަމަށާއި ބޭރުން ގެންނަ މުދާ ވިޔަފާރިތަކާ ހަމައަށް ފޯރުމަށް ގިނަ ދުވަސް ނެގުމަކީ އެކަމުގެ ގެއްލުން އިގުތިސޯދަށްވެސް ކުރާނެ ކަމެއް ކަމަށެވެ. އަދި ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަނދަލުކުރެވުމުން ބަނދަރުގެ ހަރަކާތްތައް އަވަސްވެ ހިދުމަތްތައް އަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ހިލައާއި ހިލަވެލީގެ ހިދުމަތް މާލޭ ވިޔަފާރި ބަނދަރުން ލިބޭނެ ގޮތް ހަމަޖައްސުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ތިލަފުށީގައި ތަރައްގީކުރަމުން އަންނަ ބަލްކް ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމުމުން ހިލައާއި ހިލަވެލި އެތެެރެކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.