ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

އެކުވެރިކަމުގެ ދެވަނަ މެޗުގައި ރާއްޖެއިން ލާއޯސްވެސް ބަލިކޮށްފި

މިއަދު ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުގައި ރާއްޖެއިން ލާއޯސް ބަލިކޮށްފިއެވެ.

ބުރުނާއީގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއިން ލާއޯސް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެއިން ކުޅުނު ދެވަނަ އެކުވެރިކަމުގެ މެޗެވެ. ފުރަތަމަ މެޗުގައި ބުރުނާއީ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ބްރުނާއީގެ ސުލްތާން ހަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ރާއްޖެއިން ނެރުނީ ވަރުގަދަ ފުރަތަމަ 11 އެކެވެ. އެންމެފަހުން ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11އާ ބަލައި އިރު، މިއަދުގެ މެޗަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އަހުނަފް ރަޝީދު (އަހުއްކޮ)ގެ ބަދަލުގައި މިއަދުގެ ފުރަތަމަ 11 އަށް ހައިޝަމް ހަސަން (ބިޑި) ކުޅެން އެރުވި އިރު، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ބަދަލުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ މެޗު ފަށައިފައެވެ.

މެޗު ފެށިގެން 11 ވަނަ މިނެޓުގައި ރާއްޖޭން ލީޑު ނެގިއެވެ. އެ ގޯލަކީ ހައިޝަމް ނެގި ހުރަހަކުން އޭރިއާ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ބޯޅަ ލާއޯސް ޑިފެންޑަރެއް ފައިގައި ޖެހިފައި މަޑުވުމުން ރީބައުންސްގައި ހަންނަ ޖެހި ގޯލެކެވެ. ބުރުނާއީ ކޮޅަށްވެސް ގޯލު ޖެހި ހަންނަ މިއަދުގެ މެޗުގައި ޖެހީ ގައުމީ ޖާޒީގައި ޖެހި ތިންވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލާއޯސްއިން އެއްވަރު ކުރިއެވެ. އެ ގޯލު ލާއޯސްއަށް ޖަހައިދިނީ ކެޕްޓަން ބޯންޕަޗަން ބޯންކޯންގެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އަހުމަދު ހަސަން (އައްމަޑޭ) އެވެ. އަންމަޑޭ މެދަށް އެރުވުމުން އޭގެ ފަހުން ސެންޓަ ބެކަށް ކުޅުނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އެވެ.

ރާއްޖޭން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ އޭރިއާ ބޭރުން ތިރިތިރިން ފޮނުވާލި ހަމަލާއަކުން ހުސެއިން ނިހާން (ނިހާޓް) އެވެ. މެޗުގައި ރާއްޖެއިން ޖެހި ތިންވަނަ ގޯލަކީ 73 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއްގައި އިއްބެ ވަހީދު ޖެހި ގޯލެކެވެ.

މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު ލާއޯސްއަކީ މިވަގުތު ފީފާ ރޭންކިންގެ 183 ވަނަ މަގާމުގައި އޮތް ގައުމެކެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 156 ވަނައިގައެވެ.