ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭއަށް ބޯޓު ޖައްސަން އެހީތެރިވެދިނުމަށް ގާއިމުކުރާ 'އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް' (އައިއެލްއެސް) ބަހައްޓައި، ބޭނުންކުރެވޭ ހާލަތަށް ގެނެސްފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ކުރި ޓުވީޓެއްގައި ބުނީ އާ ރަންވޭގެ ދެކޮޅުގައި އައިއެލްއެސް ބަހައްޓާފައިވާ ކަމަށެވެ. އެ ސިސްޓަމަކީ އާންމު ހާލަތުގައާއި މޫސުމީ ހާލަތަށް ބަލައި، މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ.

މި އަހަރުގެ ކުރީކޮޅު ބައެއް އެއާލައިންތަކާ ގުޅިގެން އެ ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލުން ކޮށްފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، 2018 ގައި ރަސްމީކޮށް ހުޅުވި އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެއެވެ. އެ ރަންވޭއަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެއެވެ.

ނަމަވެސް އެ ރަންވޭ ބޭނުން ކުރަން ލަސްވީ ރަންވޭއާ ކައިރީގައި ހުންނަ ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް އެ ތަނުން ނުނެގޭތީއެވެ. އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށާފައިވާ އިރު، އާ ރަންވޭ ބޭނުންކުރަން ފަށާނެ ތާރީހެއް ކަމަށް އެމްއޭސީއެލުން އެންމެ ފަހުން ބުނި ތާރީހަކީ އަންނަ މަހުގެ 6 އެވެ.