ޚަބަރު

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާދޭކަށް ނުޖެހޭ، އެފައިސާ ބޭނުންކުރަނީ އަމިއްލަ މަންފާއަށް: ނާޒިމް

އިބްރާހިމް ޒަކީ

1

މިޔާރު ދެމުން އަންނަ ގޮތަށް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމުވިދާޅުވެއްޖެއެވެ.

"ދަ ނެޝަނަލް ކޮންވެންޝަން 2022" ގެ ނަމުގައި ކުރިއަށްގެންދާ އެމްއެންޕީގެ ކޮންގްރެސްގެ މިއަދުގެ ފުރަތަމަ ދަންފަޅީގެ ސެޝަންތައް ފައްޓަވައިދެއްވަމުން، ނާޒިމު ވިދާޅުވީ، އެ ޕާޓީން ކުރަނީ ސިޔާސީ މަސައްކަތެއް ކަމަށާއި، އެއީ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ކަމަށެވެ.

އެހެންކަމުން ޓެކްސްޕޭޔަރުންގެ ގޮތުގައި، ދައުލަތަށް ދައްކާ ފައިސާ ޕާޓީތަށް ދޭން ނުޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެޕާޓީން މިހާހިސާބަށްވެސް އައީ ސަރުކާރުން އެއްވެސް ފައިސާއެއް ހޯދައިގެން ނޫން ކަމަށާއި، ކުރިއަށްއޮތްނުގައި ވެސް އެ ޕާޓީ ކުރިއަށްދާނީ އެ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ ޓެކްސް ޕޭޔަރުން ދައްކާ ފައިސާ ޕާޓީތަކަށް ދޭކަށް ނުޖެހޭ، އެމްއެންޕީގެ މިއަދުގެވެގެސް ވިސްނުމަކީ އެއީ، ސަރުކާރުން އެއްވެސް ފައިސާއެއް ހޯދައިގެނެއް ނޫން މިހާހިސާބަށް އައީ، އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ވިސްނުމެއް ނެތް،"

ނާޒިމު ވިދާޅުވީ، ދައުލަތުން ފައިސާ ނަގާ ސިޔާސީ ޕާޓީތަކުން، އެއްވެސް ސިޔާސީ މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ. "އެމީހުން އެ ފައިސާ ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ވަގުތު ހޭދަކުރަމުންދަނީ،" ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ހުށަހަޅަން މަސައްކަތް ކުރެއްވި ކަމަށްވެސް ނާޒިމް ވިދާާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، މާލީ ކަންކަންތަކަށް ބަދަލު ގެންނަން ހުށަހަޅޭނީ ހަމައެކަނި ސަރުކާރުގެ މެންބަރުންނަށް ކަމުން އެކަން ކުރުމަށް ހުރަސްއެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުންދޭ ފައިސާ ބޭނުން ނޫން ނަމަވެސް، އެމްއެންޕީއަށް ދައުލަތުން ފައިސާ ލިބޭ އިރެއްގައި، އޭގެން ވަކި ޕަސެންޓެއް ދާއިރާތަކަށް ހަރަދު ކުރަންޖެހޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދުގައި ހިމަނާފައިވާކަމަށް ނާޒިމު ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމާމެދު މިއަދު މެންބަރުން މަޝްވަރާ ކުރަމުން އަންނައިރު، އެ ބައި ބަދަލު ކުރުމާމެދު މެންބަރުން ވިސްނެވުމަށްވެސް ނާޒިމު އެދިވަޑައިގެންނެވިއެވެ.