ޚަބަރު

އަލަމްގީރަށް ކުރާ 40 ދައުވާގެ ޝަރީއަތް ހޮނިހިރު ދުވަހު ފަށަނީ

ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެ، ހުކުމް ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާގެ ޝަރީއަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ކުރިމިނަލް ކޯޓްގައި ތައާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓްގައި އެ 40 ދައުވާގެ ޝަރީއަތް ތައާވަލުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށެވެ. އެއްކޮށް ކުރިއަށްގެންދާ އެ ދައުވާގެ ޝަރީއަތްތައް ވަނީ ސިއްރުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަލަމްގީރްގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެކެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ރެކޯޑްކުރުމުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް އެދައުވާތައް އުފުލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަލަމްގީރަށް ކޮށްފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތް ފަށަން ތައްޔާރުވެފައިވާ އިރު، މިހާރު އެނާ ތަންފީޒު ކުރަމުންދަނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާ ގުޅިގެން ކުރި ޖަލު ހުކުމެވެ.

އެ މައްސަލަތަކުގައި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ މައްސަލައަށް އޭނާ އިއުތިރާފުވެފައި ވާތީ، ގާނޫނުގައި ވާގޮތުގެ މަތިން ލުއިދިނުމަށްފަހުގައެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހުމާން ރަފީއުއަށްވެސް ދައުވާކުރިއެވެ.

އޭގެ ތެރެއިން ނާޒިމް އާއި ރަފީއު ވެސް ވަނީ ކުށަށް އިއުތިރާފްވެ، އާއްމުންގެ ކިބައިން މައާފަށް އެދިފައެވެ. އޭގެ ތެރެއިން ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކުރިމިނަލް ކޯޓުން މިމަހު 15 ގައި ވަނީ ހުކުމްކޮށްފައެވެ. އަދި ރާފިއު އެއް އަހަރާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް އޭނާއަށް އިއްވާފައިވާ ޖަލު ހުކުމް ބޮޑު ކަމަށްބުނެ ދައުލަތުން ވަނީ އެ ހުކުމް ހައި ކޯޓްގައި އިސްތިއުނާފު ކުރަން ނިންމައިފައެވެ.