އޭޑީކޭ ޓްރޭޑިން އެންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްއަށް 150،0000 އަށްވުރެ ގިނަ ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭޑީކޭ ޓްރޭޑިން އިން ވަނީ މިދިޔަ އަހަރު އެފްއޭއެމަށް 152،082.93 ރުފިޔާގެ މުދާ ވިއްކައިފައެވެ. ނަމަވެސް އެމުދަލަށްވާ ފައިސާ އެފްއޭއެމުން ދައްކައިފައެއް ނުވެއެވެ. އެހެންވެ މިއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު އޭޑީކޭ ޓްރޭޑިން އިން ވަނީ އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އޭޑީކޭ ޓްރޭޑިން އިން އެދުނީ 152،082.93 އެފްއޭއެމްއިން ނަގައި ދިނުމަށެވެ. އެއީ އެފްއޭއެމްއިން ދައްކަން ޖެހޭ ފައިސާކަން ސާބިތުކޮށްދިނުމަށް އޭޑީކޭ ޓްރޭޑިން އިން ވަނީ އެފްއޭއެމްއިން ފޮނުވި ކޯޓޭޝަންގެ ކޮޕީ، ޕާޗޭސް އޯޑަރުގެ ކޮޕީ، އިންވޮއިސްގެ ކޮޕީ އަދި އެ ފައިސާ ދެއްކުމަށް އެދި ފޮނުވި ސިޓީ ވެސް ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.
އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި އެފްއޭއެމްއިން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އޭޑީކޭ ޓްރޭޑިންއަށް ދައްކަން ޖެހޭ ފައިސާ ހަތް މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށް ވުރެ މަދުނޫން އަދަދަކުން ފައިސާ ދައްކައި ހަލާސްކުރާގޮތަށް މައްސަލަ ނިންމައިދިނުމަށް އެފްއޭއެމުން އެދުނެވެ.
އެފްއޭއެމުން ދައުވާއަށް އިއުތިރާފުވުމުން ދައުވާ ސާބިތުކުރުމަށް އޭޑީކޭ ޓްރޭޑިން އިން ހުށަހަޅާފައިވާ ހެކިތައް ސިވިލް ކޯޓުން ވަޒަންކޮށްފައެއް ނުވެއެވެ.
އެ މައްސަލައިގެ ސިވިލް ކޯޓުން ހުކުމްކުރީ އެފްއޭއެމުން އެދުނު ގޮތަށެވެ. އެއީ 152،082.93 ރުފިޔާ، ހަތް މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެ މަދުނޫން އަދަދަކުން އެފައިސާ ސިވިލް ކޯޓަށް ދެއްކުމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ މަރްޔަމް ވަހީދެވެ.