ޚަބަރު

އުދައްޔުގެ ވާރިސުން ހޯދަން ޖުވެނައިލް ކޯޓުން އިއުލާންކޮށްފި

މުހައްމަދު އިޝާން

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ވާރިސުން ހޯދަން ޖުވެނައިލް ކޯޓުން އިއުލާންކޮށްފިއެވެ.

ޖުވެނައިލް ކޯޓުން މިއަދުކުރި އިއުލާނެއްގައި ބުނީ، އުދައްޔުގެ އެއްވެސް ވާރިސަކު ހުރިނަމަ، އެފަރާތެއްގެ ނަމާއި އެޑްރެހާއި އައިޑީކާޑު އަދި އުފަންތާރީހާއި ގުޅޭނެ ފޯނު ނަމްބަރު، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ލިއުމަކުން އަންގައިދިނުމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ފެބްރުއަރީ އަށްވަނަ ދުވަހު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިމަހުގެ 15 ދުވަހު ބުނެފައިވަނީ، އެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ދެ ދައުވާވެސް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެފާއި ވާތީ، ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅުން، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އުދައްޔުގެ ވާރިސަކު ހޯދަން ޖުވެނައިލް ކޯޓުން އިއުލާންކުރީ އެ މައްސަލައިގައި އަދަބުކަނޑައެޅުމުގެ ކުރިން ވާރިސުގެ ބަސް ހޯދުމަށެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދެން ދައުވާ ކޮށްފައިވަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އެ ތިން މީހުންގެ މައްސަލައިގެ މިހާރު ކުރިއަށްދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކި ބަސް ނެގުމެވެ.