ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަަލަށް ލާން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ރަފީއު ވަނީ ކުށަށް އިއުތިރާފުވެ އާއްމުންގެ ކިބައިން މައާފަށް އެދިފައެވެ. އޭނާ ކުށަށް އިއުތިރާފުވެފައި ވަނީ، މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުރިމިނަލް ކޯޓުގައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ކުރީ ކުރިމިނަލް ކޯޓުގައި މިއަދު ސިއްރުން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައެވެ.

އޭނާގެ މައްޗަށް ދައުލަތުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާކުރީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

އޭނާ ތަންފީޒުކުރަންޖެހޭ ހުކުމެެއްގެ ގޮތުގައި އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް ކުރީ މި މައްސަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އެ ހުކުމުން އުނިކުރުމަށްފަހުގައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރްއާއި ގާނޫނީ ވަކީލް ނާޒިމް ސައްތާރަށްވެސް ވަނީ ހުކުމްކޮށްފައެވެ. އަލަމްގީރް ހަތް މަހަށް ޖަލަށްލި އިރު، ނާޒިމަށް ހުކުމްކުރީ ތިން މަހާއި 26 ދުވަހު ގޭ ބަންދުކުރުމަށެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވެ، މައާފަށް އެދިފައިވުމުންނެވެ. އެ މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދަށެވެ. އޭނާގެ ޝަރީއަތްވެސް ވަނީ ފަށައިފައެވެ.