އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތް ހަދައިފިއެވެ.

މިސްކިތްތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތް އިފުތިތާހު ކުރީ ކ. ހިންމަފުށީގެ އިނާރާ މިސްކިތުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދް އަލްހަމާދީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހާލިދް އަލްހަމާދީ ވިދާޅުވީ، ވަގުފު ފަންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންކަމަށް ފަންޑުކުރުމަށް އެންމެ ދެމެހެއްޓެނެވި އެއް ވަސީލަތް ކަމަށެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަށް އުފައްދާފައިވާ ވަގުފު ފަންޑަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ގޮތް ހަމަޖައްސައިދިނުމަކީ އުރީދޫ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށްވެސް ހާލިދު އަލްހަމާދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތައް ބިނާކޮށް، އެ ކުންފުނީގެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ތަރައްގީއަށް މަގުފަހިކޮށްދިނުމަށް،" ހާލިދު އަލްހަމާދީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވަގުފު ފަންޑަށް ފައިސާ ޖަމާކުރުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މިސްކިތްތަކަށް އެހީވުމަށް ސަދަގާތްކުރަން ބޭނުންވާ ވަރަށް ގިނަ ރައްޔިތުން އެބަތިބި ކަމަށްވެސް ޑރ. ޒާހިރު ވިދާޅުވިއެވެ.

"މިކަމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރަން،" ޑރ. ޒާހިރު ވިދާޅުވިއެވެ.

ވަގުފު ފަންޑަކީ މިސްކިތްތައް އިމާރާތްކުރުމަށާއި މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ވަގުފު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ފަންޑަކެވެ.

އުރީދުން ބުނީ، މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރް ކޯޓް، އުރީދު އެޕް މެދުވެރިކޮށް ސްކޭން ކުރުމުން އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާކުރެވެން ހުންނާނެ ކަމަށެވެ.

އެ ހިދުމަތް އިފްތިތާހުކުރުމުގެ ގޮތުން ފުރަތަމަ ކިއުއާރު ކޯޑް ބަހައްޓާފައިވަނީ މަސްޖިދުލް އިނާރާގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެން މިސްކިތްތަކުގައި ވެސް ކިއުއާރް ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އުރީދޫން ބުންޏެވެ.