ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާ އާއި މިޑްފީލްޑަރު ލެއޯން ގޮރެޓްކާ ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ.
ބަޔާން މިއުނިކަށް ކުޅެމުންދާ ނޯޔާ އާއި ގޮރެޓްސްކާ ކޮވިޑަށް ޕޮސިޓިވްވީ ގައުމީ ޓީމުގެ ކޭމްޕު ތެރެއިންނެވެ. ޖަރުމަނުން މިވަގުތު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ ދެމެޗަށެވެ. އެއީ އިންގްލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗާއި ހަންގޭރީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ކޮވިޑް 19 އަށް ޕޮސިޓިވްވުމާ އެކު ނޯޔާ އާއި ގޮރެޓްސްކާއަށް އެ ދެމެޗުވެސް ގެއްލޭނެއެވެ.
ޖަރުމަނުގެ ގައުމީ ޓީމުން ބުނި ގޮތުގައި އުމުރުން 36 އަހަރުގެ ނޯޔާ އާއި އުމުރުން 27 އަހަރުގެ ގޮރެޓްސްކާ ޖަރުމަނުގެ ކޭމްޕް ދޫކޮށް، މިހާރު ވަނީ އެކަހެރިވެފައެވެ.
އެ ދެކުޅުންތެރިން ގެއްލުނުތަން ފޫބެއްދުމަށް ކޯޗު ހާންސީ ފްލިކް އިތުރު ދެކުޅުންތެރިން ސްކޮޑަށް ނަގާނެއެވެ. އެގޮތުން މިހާރު ވަނީ ހޮފެންހަމްގެ ގޯލްކީޕަރު އޮލިވިއާ ބައުމަން ސްކޮޑަށް ނަގައިފައެވެ. އަދި އިތުރު ކުޅުންތެރިޔަކު މާދަމާ ޓީމާ ގުޅޭނެއެވެ.
ޖަރުމަނުގެ ކޭމްޕް ތެރެއިން ދެކުޅުންތެރިޔަކު ޕޮސިޓިވްވުމުން ޓީމުގެ ތެރެއިން އެ ދެކުޅުންތެރިންނާ ކައިރިން ބައްދަލުވި ކުޅުންތެރިން ދެން ކޮންމެ ދުވަހަކު ޓެސްޓް ކުރަމުންދާނެއެވެ. އިތުރު ޕޮސިޓިވް ނަތީޖާއެއް އައިސްފިނަމަ، ޖަރުމަނުގެ ސްކޮޑަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން މަޖުބޫރު ވާނެއެވެ.
ޔޫރަޕްގެ ބޮޑެތި ޓީމުތަކުން މިވަގުތު ނޭޝަންސް ލީގުގެ މެޗުތަކަށްވެސް ތައްޔާރު ވަނީ ވޯލްޑް ކަޕަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެންނެވެ. އެއީ މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރު މަހުގައި ކަމަށްވުމާ އެކު، ކްލަބު ފުޓުބޯޅަ ސީޒަނުގެ މެދުތެރެއިން ވޯލްޑް ކަޕަށް ބްރޭކް ކުރަން ޖެހޭތީއެވެ. ސީޒަން ތެރެއިން ވޯލްޑް ކަޕް އޮންނާތީ ގިނަ ގައުމުތަކަށް މަހަކަށްވުރެ ގިނަ މުއްދަތެއް ފަރިތަކުރުންތަކަކަށް ނުލިބޭނެއެވެ.
ޖަރުމަނުން ނޭޝަންސް ލީގުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހު ވެމްބްލީގައެވެ.
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް